ކުޅިވަރު

ގަތަރު ކޭންޕްގެ ސަބަބުން ޓީމްވޯކް ވަރުގަދަ ވާނެ - އިންމަ


ޓްރެއިނިންގް ކޭންޕްގެ ސަބަބުން ޓީމް، ޤައުމީ ޓީމް ޓީމެއްގެ ގޮތުގައި ބައްޓަން ކުރަން ވަރަށް ބޮޑަށް ފުރުސަތު ލިބޭނެކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފިއެވެ. އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމަށް ގައުމީ ޓީމް ގަތަރުގައި ކޭންޕް ކުރުމަށް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ގައުމީ ޓީމް ގަތަރަށް ފުރުމުގެ ކުރިން ވެސް ފަރިތަކުރުންތައް މާލޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ)ބުނީ ގަތަރު ކޭންޕްގެ ސަބަބުން ޓީމް ބައްޓަންކުރަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެކަމަށެވެ. ހާއްސަކޮށް މާލެއިން ބޭރުވެ ކުޅުންތެރިން އެއްތަނެއްގައި ތިބުމުގެ ސަބަބުން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާއި އޮންނަ ގުޅުން ބަދަހި ވުމުގެ އިތުރުން ދަނޑުން ބޭރުގައިވެސް ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިވާނެކަމަށް އިންމަ ބުންޏެވެ. އަދި މިކަމުގެ ސަބަބުން ސާފް ޗެންޕިއަންޝިޕަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ވެސް އިންމަ ބުންޏެވެ.

ގައުމީ ޓީމް ގަތަރުގައި ކޭންޕް ކުރުމަށް ތައްޔާރުވަމުންދަނިކޮށް، ގައުމީ ޓީމްގެ ކޯޗް އަލީ ސުޒޭން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޓީމާއެކު ސުޒޭން ފުރާފައެއް ނުވެއެވެ. އަދި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު، ސުޒޭން ޓީމާ ގުޅޭނެއެވެ. ސުޒޭން ނެތުމާއެކު، މިވަގުތު ގައުމީ ޓީމްގެ ހުރިހާ ޒިންމާއެއް އުފުލަމުންދަނީ އެސިސްޓަންޓް ކޯޗު އިންމައެވެ. އިންމަ ބުނީ މުޅި ޓްރެއިނިންގް ކޭންޕްގެ ހުރިހާ ފަރިތަކުރުންތަކަކާއި އެކުވެރިކަމުގެ މެޗްތައް ވެސް ކުރިއަށްދާނީ ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް ތައްޔާރުވުމުގެ ގޮތުންކަމަށެވެ. އަދި ކުޅުންތެރިންގެ ރިކަވަރީއަށް ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށް އިންމަ ބުންޏެވެ. ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރަމުންދަނީ އެއް ރޫހެއްގައި ސާފް ޗެންޕިއަންޝިޕުން ރަނގަޅު ނަތީޖާއެއް ނެރެންކަމަށް ވެސް އިންމަ ބުންޏެވެ.

"އަޅުގަނޑުމެންގެ (ޓްރެއިނިން) މެޗުތަކުގެ ފޯކަސް ވެސް މީދީ ސާފް ޗެމްޕިއަންޝިޕަށް. އެ މުބާރާތުގެ ނަތީޖާއަށް. މި ގޮތަށް އިންޓެންސިޓީ ގެންގުޅޭ ވަރަށް ރިކަވަރީ އަށް ވެސް އަޅުގަނޑުމެން ބަލައިގެން މިދަނީ. ހުރިހާ ޕްލޭޔަރުން ވެސް އެއް ރޫހެއްގައި ހަމަ ނަތީޖާ ނެރެން. އެ ރޫހުގައި ވަރަށް ރަގަޅަށް ޕްލޭޔަރުން ތިބީ ނަތީޖާ ނެރެން. އުއްމީދު ބޮޑު ޕްލޭޔަރުންނާމެދު،" އިންމަ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭންޕުގައި ގައުމީ ޓީމުން އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ތިން މެޗް ކުޅޭއިރު، އެއް މެޗަކީ ސްރީލަންކާ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. އެޓީމެއްވެސް ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށްދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖެއިން މިހާތަނަށް ވަނީ ދެ ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާފާފައެވެ. އެއީ 2008ވަނަ އަހަރާއި 2018ވަނަ އަހަރުއެވެ. މިފަހަރު ރާއްޖެއިން ނިކުންނާނީ ތަށި ދިފާއުކުރާށެވެ. ގަތަރު ކޭންޕް ނިންމާލުމަށްފަހު، ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.