ސިއްހަތު

އައްޑޫ ހޮސްޕިޓަލުން ޓާޝަރީ ފެންވަރުގެ ޚިދުމަތްދޭން ތައްޔާރުވަނީ


އައްޑޫސިޓީގައި ޓަރޝަރީ ހޮސްޕިޓަލަކުން ލިބޭ ޚިދުމަތްތައް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެޑައިގަންނަވާ ކަމަށާ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އައްޑޫގައި މިހާރު ހުރި ފެސިލިޓީތައް ބޭނުންކޮށްގެން އެޚިދުމަތްތައް ޤާއިމުކޮށްދެއްވުމަށް ކަމަށް އިކޮނޮމިކް ކައުންސިލުން ވިދާޅުވެއްޖެއެވެ.އިކޮނިމިކް ކައުންސިލުން މިއަދު ބޭއްވެވި ޕްރެސްކޮންފަރެންސްގައި މީޑިޔާއަށް މައުލޫމާތުދެއްވަމުން އެ ކައުންސިލްގެ ކޯ ޗެއަރ އަދި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މިކަންކުރެވޭނެ އުސޫލަކީ ކޮބައިތޯބެއްލެވުމަށް އިކޮނޮމިކް ކައުންސިލުގައި މަޝްވަރާކުރައްވާ ގޮތެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން އިކޮނޮމިކް ކައުންސިލުން ނިންމެވީ މިވަގުތަށް މުޅިން އާތަނެއް ހައްދަވައިގެން ޚިދުމަތްދެއްވަން ވެއްޖެނަމަ ބޮޑު ޚަރަދެއް ހިނގާނެތީ މިހާރު ހުރި ފެސިލިޓީޒްގެ ތެރެއަށް އިތުރުފެސިލިޓީޒް އިތުރުކުރައްވައިގެން މި ޚިދުމަތް ފުޅާކުރެއްވުމަށް ކަމަށާއި  އެގޮތަށް އެކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް ހުށައެޅުމަށް ހެލްތް މިނިސްޓްރީގައި ދަންނަވާފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ.މި ޕްރެސްކޮންފަރެންސް ގައި މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ އައްޑޫގައި ހޮސްޕިޓަލު ތަރައްޤީކުރުމަށް ސައުދީ ފަންޑާއި އޯޕެކް ފަންޑުން ގާތްގަޑަކަށް ވިހި މިލިޔަން ޑޮލަރުގެ ލޯނު ހަމަޖެހިފައިވާކަމަށާ މިހާރު ހުރި ފެސިލިޓީ ބޭނުންކޮށްގެން އެލޯނު އެހީބޭނުންކުރެވޭނެ ގޮތްތައް މިހާރު ބައްލަވަމުން ގެންދަވާކަމަށެވެ.ޑރ ޝައިނީ ވިދާޅުވީ ސިއްޙީ ދާއިރާގެ ޚިދްމަތްތައް އެންމެތަންކޮޅެއްވެސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިނުގަންނަވާކަމަށާ އެގޮތުން އައްޑޫގައި މިހާރު ހުރި ހޮސްޕިޓަލުގެ ތެރޭން ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޞިއްޙީ ޚިދުމަތެއް ލިބޭނެ ފެސިލިޓީޒް ޤާއިމުކުރައްވަން ބޭނުންފުޅު ވެވަޑައިގަންވަނާކަމަށެވެ. އަދި ހަމަ ބަޖެޓްގެ ތެރޭން އެކަން މިއަހަރުގެ ތެރޭގައި ފަށްޓަވާ މިއަހަރުގެ ތެރޭގައި ނިންމަވަން ބޭނުންފުޅުވެވަޑައިގަންނަވާކަމަށް ޑރ ޝައިނީ ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ސަރުކާރުން ހުއްޓަވާނުލައްވާނެކަންވެސް  މިނިސްޓަރ ފާހާގަކުރެއްވިއެވެ.