ސިޔާސީ

ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 33 ވަނަ ބުރު ފަށައިފި


ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން އަލަށް ފަރުމާކޮށްގެން ހިންގާ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 33 ވަނަ ބުރު ދ. ވާނީގައި ފަށައިފިއެވެ.

ކޯސް ފެށުމުގެ ގޮތުން ދ. ވާނީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާންއެވެ.

މިރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީގެ އެކްޓިންގ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކޯހުގައި ކިޔަވައިދެއްވާ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ސްޓްރެޓީޖިކް ޕްރައޯރިޓީސްތަކުގެ ތެރެއިން ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ގޮތުގައި ފަރުމާކުރެވިފައިވާއިރު، މިކޯހުން ދަސްވެނިވިވާ ދަރިވަރުންނަކީ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަހުލުވެރި ދަރިވަރުންތަކަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. އަދި ޕޮލިސް އިނީޝިއަލް ކޯހަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ތަމްރީނުތައް ފުރިހަމަކުރެވި ހުރިހާ ފުލުހުން ފާސްވެގެން ދިޔުމަކީ ކުރެވޭ އުންމީދެއް ކަމުގައި ވިދާޅުވިއެވެ.

މި ކޯހަކީ 4 މަސް ދުވަހަށް ކެމްޕަސް މޮޑިއުލްތައް އަދި ޕްރޮބޭޝަން 8 މަސް ދުވަހާއެކު ޖުމްލަ އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މިފަހަރުގެ ކޯހުގައި އަންހެން 20 ފުލުހުންނާއި ފިރިހެން 70 ފުލުހުންނާއެކު ޖުމްލަ 90 ފުލުހުން ބައިވެރިވެއެވެ.

ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގއާއި، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސްއާއި، ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެއެވެ.