ދުނިޔޭގެ ވިޔަފާރި

ގްރީސްގެ އިޤްޠިޞާދު މިއަހަރު 5.9 އިންސައްތަ ކުރިއަރާނެ ލަފާކޮށްފި


ގްރީސްގެ އިޤްޠިޞާދު މިއަހަރު 5.9 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކުރައްވާކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ކުރިއާކޯސް މިޓްސޮޓާކިސް ވިދާޅުވެއްޖެއެވެ.

ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުން ވިޔަފާރިތައް އަރައިގަތުމަށް އެހީތެރިވެދިނުމަށް ޓެކްސް ދައްކަންޖެހޭ މިންވަރު މަދުކޮށް، ބައެއް އިތުރު އެހެން ލުއިތައްދޭނެކަމަށެވެ.

ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ އިޤްޠިޞާދު އާރާސްތުކުރުމަށް މިއަހަރު މި ޓާގެޓްކުރަނީ 3.9 އިންސައްތައިން 5.9 އިންސައްތައަށްކަމަށެވެ. އަދި ގްރީސްއަކީ ކުރިއާ ޚިލާފަށް މިއަދު އިޤްޠީޞާދީގޮތުން ވަރުގަދަ ޤައުމެއްކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހަކަތާއި ދަތުރުފަތުރުކުރުމުގެ އަގުތައް އުފުލުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ މިދަނޑިވަޅުގައި އަގުތައް ހަމަހަމަކުރުމުގެ ގޮތުން ކޮފީ، ލުއިބުއިންތައް، ފަތުރުވެރިކަން، ސިނަމާތައް އަދި ޖިމްތަކުން ނަގާ ޓެކްސް 13 އިންސައްތައަށް ކުޑަކުރާނެކަމަށް ކްރިއާކޯސް ވަނީ ވިދާޅުވެފައެވެ. މިއާއެކު ޢާމްދަނީއިން ނަގާ ސޮލިޑިޓަރީ ޓެކްސް ނެގުން މިވަގުތަށް ހުއްޓާލައި، ކޯޕަރޭޓް ޓެކްސްގެގޮތުގައި ނަގާ ޓެކްސްވެސް 24 އިންސައްތައިން 22 އިންސައްތައަށް ކުޑަކުރަން ބޮޑުވަޒީރު ކްރިއާކޯސްވަނީ ނިންމަވާފައެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެންގޮސްފައިވާ މާލީ ގޮންޖެހުންތަކުން 2018 ވަނަ ގްރީސްއަށް އަރައިގަނެވިފައިވީނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަނެއްކާވެސް މިއަހަރު އެ ޤައުމުގެ އިޤްޠިޞާދު ވަނީ 8.2 އިންސައްތައަށް ހީނަރުވެފައެވެ. އަދި މިއާއިއެކު ގްރީސްގެ އިޤްޠިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމަށްވެސް ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ.