ޚަބަރު

2008 އަދި 2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕަށް ޚާއްސަ ފޮތެއް ނެރެފި


ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރުކަމަށްވާ 2008ވަނަ އަހަރާއި 2018ވަނަ އަހަރަށް ހާއްސަކޮށްގެން ފޮތެއް ނެރެފިއެވެ. ސާފް ޗެންޕިއަންޝިޕްގެ ކެންޕޭން ލޯންޗް ކުރުމަށް ރޭ ރަސްމީ ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު ޢަބްދުﷲ އަޒްމީން ލިޔުނު ފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ސާފް ޗެންޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ހިލޭ ބެހުމަށް ހަމަޖެހިފައިވާ މިފޮތުގައި 2008ވަނަ އަހަރު އާއި 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ނެގުމަށް ކުރި މަސައްކަތްތަކާއި އެމުބާރާތްތަކާއި ގުޅިގެން މީޑިޔާތަކުގެ އިތުރުން އެހެން ފަރާތްތަކުންވެސް ކުރި މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

2008ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދުމަށް ކުރި މަސައްކަތާއި އެފަހަރު ޓީމުގެ ތެރޭގައި ދިމާވި މައްސަލަތަކާއި، މައްސަލަ ހައްލުކޮށް ކާމިޔާބީއާއި ހަމައަށް ޓީމް ދަތުރުކުރި ގޮތުގެ ވާހަކަވެސް މިފޮތުގައި ލިޔެފައިވެއެވެ. އަދި 2008ވަނަ އަހަރުގެ ތަށި ނެގި ޓީމުގެ ބައެއް ކުޅުންތެރިންކަމަށްވާ ޢަލީ އަޝްފާގް، ކެޕްޓަން އައްސަދު ޢަބްދުލްޣަނީ، އައްސަދު ޢަލީ، ސޮބާޙު މުޙައްމަދު، މުޙައްމަދު ޖަމީލް، ޢަލީ އުމަރުފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އަދި ޓީމްގެ އޭރުގެ ކޯޗް އާއި އެސިސްޓަންޓް ދެ ކޯޗުންގެ ވާހަކަތައް ވެސް މިފޮތުގައި ލިޔެފައިވާނެއެވެ.

މިފޮތް ލިޔުނު ޢަބްދުﷲ އަޒްމީން ބުނީ މިފޮތުގެ 75 އިންސައްތަ ހާއްސަކޮށްފައިވަނީ 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ނެގުމަށް ކުރި ދަތުރުގެ މައްޗަށް ކަމަށެވެ. އަދި އެފްއޭއެމްގެ މަދު ސްޓާފުންތަކެއް ލައިގެން އޭރުގައި ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ކުރި މަސައްކަތްތަކާއި ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދުމަށްފަހު ޓީމް މާލެއައުމުން މަރުހަބާ ކިއުމަށް ވީ ތައްޔާރީތައް އިންތިޒާމް ކުރުމުގައި އެފްއޭއެގެ ދައުރު މިފޮތުގައި ލިޔެފައިވާނެއެވެ. އަދި 2008ވަނަ އަހަރު ސަރުކާރުން ޓީމަށް ކޮށްދިންކަންތައްތަކާއި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާބެހޭ މަޢުލުމާތުވެސް މިފޮތުގައި ލިޔެފައިވާނެއެވެ.

އެފްއޭއެމްގެ މީޑިއާ ޑިޕާޓްމަންޓްގައި މިހާރު މަސައްކަތް ކުރަމުންދާ ޢަބްދުﷲ އަޒްމީނަކީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2017 އަހަރު ހާސިލްކޮށްފައިވާ ފަރާތެކެވެ.