ވިޔަފާރި

ހޯމް ސްޓޭއާ ދެކޮޅެއް ނޫން، އެކަމަކު ގެސްޓްހައުސްތައް އަލުން ކޮޅަށް ނަގަންޖެހޭ: ގޭމް


ފަތުރުވެރިކަމުގެ ލޯކަލް އިތުރު ޕްރޮޑަކްޓްތައް ތައާރަފްކުރުމަށްވުރެ މި ދަނޑިވަޅުގައި އިސްކަންދޭންވީ ގެސްޓްހައުސްތައް ކުރިއެރުވުމަށްކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ހަމްޒާ ޤާސިމް ވިދާޅުވީ، ސަރުކާރުން ފަށަން މަސައްކަތްކުރާ ހޯމް ސްޓޭ ވިޔަފާރިއާ ގޭމްއިން އެއްވެސް ގޮތަކަށް ދެކޮޅު ނޫންކަމަށެވެ. ނަމަވެސް ކޯވިޑް19 އާއިއެކު ގެސްޓްހައުސްތައް އަލުން ހިނގައިގަތުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށާއި، އެހެންކަމުން ފުރަތަމަ ގެސްޓްހައުސްތަކުގެ ވިޔަފާރި އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަންޖެހޭކަމަށް ހަމްޒާ ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ހޯމް ސްޓޭ ފަށައިފިއްޔާ ގެސްޓްހައުސްތަކަށް ގެއްލުންވުން އެކަށީގެންވޭ. އާއިލާއެއް އުޅޭ ގެއަކަށް ގެސްޓެއް ވަންދަން އެއިރުގައި އަޅުގަނޑުމެންނަށް އުނދަގޫވެފަ އިނީ. އެއީ ދިމާވެދާނެ އިޖްތިމާއީ އަދި އެހެން މައްސަލަތަކާއިއެކު. އަޅުގަނޑުމެން އެއްވެސް ވަރަކަށް ހޯމް ސްޓޭއަށް އިދިކޮޅެއްނޫން. އެކަމަކު އަދި ޓައިމް ބޭނުންވޭ. ފުރަތަމަ ގެސްޓްހައުސްތައް ހަމައަކަށް އަޅުވާލާފައި ދެން ހޯމްސްޓޭއަށް ދިއުމުން ރަނގަޅު އާމްދަނީއެއް ލިބޭނެ." ހަމްޒާ ވިދާޅުވިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކެޓަގަރައިޒްކޮށް މިކަމަށް ގައިޑްލައިންތަކެއް ހެދުމަށްފަހު ހޯމް ސްޓޭއަށް ހުއްދަ ދިނުންކަމަށެވެ. އަދި ހޯމް ސްޓޭއަކީ ރަނގަޅުގޮތުގައި ކުރިއަށްގެންދެވިއްޖެ ނަމަ މިކަމުން ރަށަށް މަންފާ ކުރާނެކަމެއްކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވެއެވެ.

އަންނަ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގޭގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ ނިޒާމު "ހޯމް ސްޓޭ" ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން ތިބީ ހޯމް ސްޓޭ ތަޢާރަފުކުރަން ބޭނުންވެފައިކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ މިކަމުގެ ސަބަބުން ސަފާރީ ރިސޯޓު އަދި ގެސްޓު ހައުސްތަކަށް އަދި ރައްޔިތުންނަށްވެސް ފައިދާވާނެކަމަށެވެ. އަދި މިކަން ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަންފީޒު ކުރެވޭނެ ފަދަ ޤަވާއިދުތަކެއްކަމަށްވެސް، މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެކަމާއި ގުޅޭ ބައްދަލުވުންތަކެއް ބޭއްވުމަށް މިނިސްޓްރީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ތަފާތު އެކި ބާވައްތަކުގެ ޓުއަރިޒަމް ތަޢާރަފުކޮށް ނަފާ ހޯދުމަށް ގިނަ މަސައްކަތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.