ޚަބަރު

މިއަދު 138މީހުން ޕޮޒިޓިވް، 171މީހުން ބަލިން ރަނގަޅުވި


ރާއްޖެއިން އިތުރު 138 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 82,800 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 138 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 51 މީހުންނާ، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހުންގެ އިތުރުން ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 15 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،822 އަށް އަރާފައެވެ.

ކޯވިޑް19ބައްޔަށް މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2037އެވެ. މީގެތެރެއިން 17މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 171 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 80،545 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5602 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޯވިޑް19ގައި ރާއްޖޭގައި ކުރިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. ކޭސްތައް ފެނުމާއި ގުޅިގެން 18 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.