ޚަބަރު

ރައީސް ސާލިހު، ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިރޭ ރަސްމީ ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައެވެ.

ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ކުލަގަަދަ ރަސްމިއްޔާތެއްގައި ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރެވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ގޮތުން ސާފް ޗެމްޕިއަންޝިޕް ތަށީގައި އަތް ޖައްސާލެއްވުމާއެކުއެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. މިފަހަރުު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް އެންމެ ފުރަތަމަ ބިޑްކޮށްފައިވަނީވެސް ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުއެވެ. ސާކް ގައުމްތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ނޭޕާލްއާއި ވާދަކޮށްގެންނެވެ. މިފުރުސަތު ރާއްޖެއަށް ލިބިގެންދިޔައީ މިސަރައްހަދުގެ އެހެންގައުމްތަކަށް ވުރެ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު މޭނޭޖް ކުރުން ރަގަނޅު ވުމުންނާއި ކޯވިޑް-19ގެ ކޭސްތައްވެސް ދަށްވުމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ މުޅި ކެމްޕެއިން ކުރިއަށްދާނީ "މަގޭ މަހަލްދީބް"ގެ ނަމުގެ ދަށުންނެވެ. އަދި މަގޭ މަހަލްދީބް ދަށުން ތަށި ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހޭޝް ޓެގްއެއްގެ ގޮތުގައި ބޭނުން ކުރާނީ "3ވަނަ ފަހަރު، މިއީ އެ ފަހަރު"އެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ މިމުބާރާތުގެ ތަށި ނެގިއިރުގައި، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އަވައްޓެރި ސްރީލަންކާއި ގުޅިގެންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ރާއްޖޭގައި އެކަންޏެވެ.

މިއާއެކު މުޅި މުބާރާތުގައި ބޭނުންކުރާ ހުރިހާ ސްލޯގަންއަކާއި ލޯގޯ އަދި އެހެނިހެން ހުރިހާ އެއްޗެއްވެސް ވަނީ ދިވެހިވަންތަކަން ދައްކައިދޭގޮތަށް ބަދަލު ގެނެސްފައެވެ. އެގޮތުން ދިވެހި ދިދައިގެ ކުލަތަކާއި ދިވެހިންގެ ވައްޓަފާޅި ދައްކާއިދޭ ކުލަތައް ވަނީ ބޭނުންކޮށްފައެވެ. އަދި މިފަހަރުގެ ސާފް ޗެންޕިއަަންޝިޕް ލޯގޯ ފަރުމާކޮށްފައިވަނީ ދިވެހިންގެ މަސްކަނޑުތައް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ގޮތަށެވެ. މިއީ އާންމުކޮށް އެހެން ގައުމްތަކުގައިވެސް ކުރިއަށްގެންދާ ބޮޑެތި މުބާރާތްތަކުގައި ގައުމް ޕްރޮމޯޓް ކުރުމަށް ކުރަމުންދާކަމެކެވެ.

ސާފް ޗެންޕިއަންޝިޕްއަށް އަމާޒްކޮށްގެންވަނީ ހާއްސަ މެސްކޮޓެއްވެސް ތަޢާރަފްކޮށްފައެވެ. "ސެނެޕަރ"ގެ ނަން ދީފައިވާ މިމެސްކޮޓްވެސް ފަރުމާކޮށްފައިވަނީ ދިވެހި ދިދައިގެ ކުލަތަކާއި ފޭލި ބޭނުންކޮށްގެނެވެ.

މުޅި ގައުމް ހިމެނޭގޮތަށް އެފްއޭއެމްއިން ސާފް ޗެންޕިއަންޝިޕްގެ ކެންޕޭން ލޯންޗްކޮށްފައިވާއިރު، މިކެންޕޭންގައި ބޭނުންކުރާ ސްލޯގަންތަކާއި، ބެނާތަކާއި، މެސްކޮޓް، އަދި ސޯޝަލް މީޑިޔާއަށް ހާއްސަކޮށްގެން ބޭނުންކުރާ ފޮޓޯތަކާއި ކްލިޕްތައްވެސް ބޭނުންވާ ފަރާތްތަކަށް ލިބެން ހުންނާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ. އަދި މިރޭ މާލޭގައި މިކެމްޕޭން ލޯންޗް ކުރިނަމަވެސް އަތޮޅު ތެރޭގައިގެ ބައެއް ރަށްރަށުގައިވެސް މިކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި ހާއްސަ ފޮތެއްވެސް ތަޢާރަފްކޮށްފައެވެ. "އަހަރެމެންގެ ފަހަރު" ނަމުގައި މިފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

ތަފާތު ހަރަކާތްތައް ފެނިގެންދިޔަ މި ރަސްމިއްޔާތުގައި ސާފް ޗެންޕިއަންޝިޕްގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީ ލިޔުމެއް ދީފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. އޭގެ 10 އަހަރު ފަހުން ރާއްޖެއިން 2 ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން ތަށި ކާމިޔާބުކޮށްފައިވަނީ އަވަށްޓެރި އިންޑިޔާ ބަލިކޮށްގެންނެވެ.