ޚަބަރު

"ހިޔާ" ފުލެޓު ބަދަލު ކުރަން ބޭނުންވި މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަންފަށައިފި


ހިޔާ ފުލެޓްތައް ލިބުނު އެހެން ފަރާތަކާއި އެކު ފުލެޓު ބަދަލު ކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ. އެޗްޑީސީން ވިދާޅުވީ އެހެން ފްލެޓްއަކަށް ބަދަލުކުރުމަށް 400 މީހަކު އެދިފައިވާކަމަށެވެ.

އެޗްޑީސީން ވިދާޅުވީ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު، ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިމަހުގެ 9 ގެ ނިޔަލަށް މަޢުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތައްކަމަށެވެ. އަދި އެކި ސަބަބުތަކާއި ހުރެ މަޢުލޫމާތު ކަށަވަރުކޮށް ނުނިމި ހުރި ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރު ކުރެވުމުން، އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުޞަތު ދޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތައް ލިބުނު 5000އަށް ވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ފްލެޓްތައް ހަވާލުކޮށްފައިވާއިރު މިވަގުތު ފްލެޓްތަކުގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މީގެ ތެރެއިން އެއްބަޔަކު މިހާރު ވަނީ އެތަނަށް ދިރިއުޅުންވެސް ބަދަލުކޮށްފައެވެ. ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް 4 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނެގުމަށެވެ. ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.