ވިޔަފާރި

ޓީޓީއެމް ފެއަރގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި


ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގްޒިބިޓަރުންނަށާއި ވިޒިޓަރުންނަށްވެސް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މިދިޔަ އަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. ނަމަވެސް މިއަހަރު މި ފެއަރ ފިޒިކަލްކޮށްވެސް އަދި އޮންލައިންކޮށްވެސް ކުރިއަށްދާނެއެވެ. މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 28 އިން 30 އަށެވެ.

ޓީޓީއެމް މޯލްޑިވްސްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. ރަޖިސްޓްރީކުރެވޭނީ connect.traveltrademaldives.com މެދުވެރިކޮށެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއަހަރު ކުރިއަށް ގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ 5 ވަނަ ހަރަކާތެވެ.