ޚަބަރު

ޑަބްލިއުއެޗްއޯގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލުކުރަން ރައްޖޭގެ ނަން ހުށަހަޅައިފި


ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ އަންނަ ދައުރުގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލުކުރަން މިސަރަޙައްދުގެ ޤައުމުތަކުން ރާއްޖޭގެ ނަން ނޮމިނޭޓްކޮށްފިއެވެ. ރާއްޖޭގެ ނަން ނޯމިނޭޓްކޮށްފައިވަނީ ޑަބްލިއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ތެރޭގައެވެ.

މިމަހުގެ 6އިން 10އަށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ޑައިބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގައި އަންނަ އަހަރުގެ މެއި މަހުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދު ތަމްސީލުކުރުމަށް ރާއްޖޭގެ ނަންވަނީ ހުށަހަޅާފައެވެ. މީގެ ދަށުން ޑަބްލިއުއެޗްއޯގެ ބޯޑުގެ އިތުރުން ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގައިވެސް މިސަރަޙައްދު ތަމްސީލުކުރުމަށް ރާއްޖޭގެ ނަންވަނީ ހުށަހަޅާފައެވެ. މިގޮތަށް ނިންމާފައިވަނީ މިބައްދަލުވުމުގައި ބައިވެރިވި 11 ޤައުމުގެ މެދުގައި ކުރި މަޝްވަރާތަކަށްފަހުގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ތެރޭގައި މިސަރަޙައްދގައި ހުރި ސިއްޙަތާ ގުޅުންހުރި މުހިއްމު ނިންމުންތަކެއް ނިންމާފައެވެ. މީގެއިތުރުން މިވަގުތު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑްގެ ޙާލަތުގައި ސިއްޙީ ދާއިރާއިން ދެމުންގެންދާ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ޚާއްސަ ޤާރާރެއްގައި ޤައުމުތަކުންވަނީ ސޮއިކޮށްފައެވެ. މީގެ ސަބަބުން މިޢަލަމީ ވަބާގެ ޙާލަތުގައި ޚިދުމަތް ދިނުމަށް މެމްބަރު ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ދެމުންގެންދާ އެހީތައް މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މިބައްދަލުވުމުގައިވަނީ ސަރަޙައްދުގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މަސައްކަތަކާއި ގުޅޭ މަޝްވަރާތައްވަނީކޮށްފައެވެ. އަދި ކުރިއަށް އޮތް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 75 ވަނަ ބައްދަލުވުމުގައި ހުށައެޅުމަށްޓަކާ ބައެއް ނިންމުންތައްވަނީ ނިންމާފައެވެ. މީގެތެރޭގައި އެޗްއައިވީ، ވައިރަލް ހެޕިޓައިޓިސް އަދި އެސްޓީއައި ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކުރާ މަސައްކަތްތަކާއި މިފަދަ ބަލިމަޑުކަން ހުއްޓުވުމަށް އެކުލަވާލަންޖެހޭ އެކްޝަން ޕްލޭންތަކާއި ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ.

11 ޤައުމެއްގެ ސިއްޙަތާ ބެހޭ ވަޒީރުންނާއި ޚާއްސަ މަންދޫބުންގެ އިތުރުން ޑަބްލިއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއި މިސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރުގެ އިތުރުން އދ.ގެ ކަމާގުޅޭ އެހެނިހެން ޖަމިއްޔާތަކުގެ ފަރާތުން ބައިވެރިވި މިބައްދަލުވުމުގައި ރާއްޖެއިންވަނީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.