ޚަބަރު

ތިނަދޫ ހޮސްޕިޓަލުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ


އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަކީ މިޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭޖެހުން ކުޑަކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޒަމާނީ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސްވަނީ ފަށާފައެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލްތަކުގެ ތެރޭގަ ގދ.ތިނަދޫގަ ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތަށް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާ އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

ހޮސްޕިޓަލުން ފާހަގަކުރާގޮތުގަ އެ ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފަވަނީ މިދިޔައަހަރުގެ އޮގަސްޓްމަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި ހެދުމަށް އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަޖެންސީ ރޫމް މަރާމާތުކުތުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

އެމްޓީސީސީން ވިދާޅުވީ ހޮސްޕިޓަލްއަށް ޖާގައިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފަވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ އޯޕީޑީ އިމާރާތުގެ%75 މަސައްކަތާއި ވިއްސާކޮޓަރި ހަދާ ޢިމާރާތުގެ %52 މަސައްކަތެކެވެ. މިއާއިއެކު މުޅި މަޝްރުޢުގެ %57 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

އެމްޓީސީސީއިން މަސައްކަތްކުރަމުންދަނީ ޕްރޮޖެކްޓްގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ ހަވާލުކުރުމަށެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ގޮތުގައި، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000ވަނަ އަހަރުއެވެ.

ތިނަދޫގެ 7500އާ ގާތްކުރާ އާބާދީގެ އިތުރުން، އެ ސަރަޙައްދުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާވަނީވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.