ދުނިޔޭގެ ވިޔަފާރި

25 އަހަރަށްފަހު އިންޑިއާގައި ކާރު އުފެއްދުން، ފޯޑުން ހުއްޓާލަނީ


25 އަހަރަށްފަހު އިންޑިއާގައި ކާރު އުފެއްދުން އެމެރިކާގެ ކާރު އުފައްދާ ބޮޑު ކުންފުނި ފޯޑުން ހުއްޓާލަން ނިންމައިފިއެވެ.

އަންނަ އަހަރުގެ މެދުތެރޭގައި އިންޑިއާގެ ގުޖުރާތާއި ޓެމިލް ނާޑޫގައި ހުންނަ އެކުންފުނީގެ ދެ ކާރުޚާނާވެސް ބަންދުކުރާނެކަމަށާ، ނަމަވެސް އިންޑިއާގައި ކާރު އިންޖީނު އުފައްދައި އެހެން ޤައުމުތަކަށް ބޭރުކުރުން އަދިވެސް ކުރިއަށްގެންދާނެކަމަށް ފޯޑުން ބުނެއެވެ.

އިންޑިއާގައި ކާރު އުފެއްދުން ފޯޑުން ހުއްޓާލުމާއިއެކު ފޯޑު ވެފައިމިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގައި އުފެއްދުންތައް ހުއްޓާލީ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެފަހު ކުންފުންޏަށެވެ. މީގެކުރިން 2017ވަނަ އަހަރު ޖެނެރަލް މޮޓޯސް (ޖީއެމް) އިންވެސް ވަނީ އިންޑިއާގެ ބާޒާރަށް ކާރު އުފެއްދުން ހުއްޓާލާފައެވެ. އަދި މިދިޔަ އަހަރު ހާލީ ޑޭވިޑްސަންވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު މޮޓޯސައިކަލް ބާޒާރުއޮތް އިންޑިއާގައި އެ ކުންފުނީގެ އުފެއްދުންތައް ހުއްޓާލާފައެވެ.

މީގެސަބަބުން ބޭރުގެ އުފެއްދުންތައް އިންޑިއާއަށް ގެންނަން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އިންޑިއާގައި ފޯޑު ކުންފުނީގެ ކާރު އުފައްދާތާ 25 އަހަރު ވެފައިވާއިރު ބާޒާރުގައި ވާދަކުރުން އަދިވެސް ފޯޑަށް ފަސޭހައެއް ނޫނެވެ. މިގޮތުން ފަސެންޖަރުން އުފުލާ ވެހިކަލް މާކެޓްގައި ފޯޑު ޙިއްސާވަނީ އެންމެ %2އަށް ވާއިރު އިންޑިއާގެ ކާރު އުފައްދާ ކުންފުނިތަކުގެ މެދުގައި ދަރަޖަ ކުރާއިރު ފޯޑު ހިމެނެނީ 9ވަނައިގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފޯޑަށް ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމެއްވެސް ލިބިފައެވެ. އަދި އައު ކާރުތަކުގެ ޑިމާންޑްވެސް ދަށްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.