ޚަބަރު

ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ ޢަދަދު 310،000އިން މައްޗަށް


ރާއްޖޭގައި ކުރިއަށްދާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިތުރު 2،499 މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ. ބުދަ ދުވަހު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނައީ އަތޮޅުތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު 2499 މީހުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 1097 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 1402 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 310،592 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުދަ ދުވަހު 391 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 146 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 245 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 387،195 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12އަހަރާއި 17އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.