ޚަބަރު

ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަށް ބޮޑު ޚަރަދެއް ހިނގާނެ: މިނިސްޓަރ


ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުން ވެގެންދާނީ ޚަރަދު ބޮޑު އުނދަގޫ މަސައްކަތަކަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކިންގް ސަލްމާން މިސްކިތާއި ގުޅޭގޮތުން ކޮމެޓީގެ ބައެއް މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވީ، ސަލްމާން މިސްކިތް ބިނާކޮށްފައި ހުރި ތަނުގެ ގޮތުން އެތަނަކީ މޫދާއި ކައިރި ތަނަކަށްވެފައި، ވައި ހުންނަގޮތުން މިސްކިތުގެ ބޭރާއި އެތެރެއަށްވެސް ލޮނުގެ އަސަރު ކުރާކަމަށެވެ. އަދި މިހާރުވެސް މިސްކިތުގެ ބޭރުން އެކި ތަންތަނުގައި ދަބަރު ހިލިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަލްމާން މިސްކިތް ބެލެހެއްޓުން ވެގެންދާނީ ޚަރަދު ބޮޑު އުނދަގޫ މަސައްކަތަކަށްކަމަށެވެ. އަދި އެކަން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގަތް ވަފްދުގެ ސަމާލުކަމަށްވެސް ގެންނަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަލްމާނު މިސްކިތުގެ ސައިޓަށް އަޅުގަނޑުމެން ސައުދީން އެ ވަޑައިގެންނެވި ވަފްދާއެކު ޒިޔާރަތްކޮށް އަޅުގަނޑުމެން ބެލިން. ބެލިއިރު އެތަނުގެ އައުޓްޑޯ ޔުނިޓްތައް އެއީ ފިނިކުރާ ޔުނިޓްތަކުގައި ވަރަށް ބޮޑަށް ދަނބަރު ހިލިފައިހުރީ. އެބޭފުޅުންނަށްވެސް އެކަން ފާހަގަވި. އެބޭފުޅުންވެސް އެތަންތަން ބައްލަވާ ހެއްދެވި. އެބޭފުޅުންނަށްވެސް ފާހަގަވި މޫދާ އެހާ ކައިރިތަނެއްގައި މިސްކިތްހުރީމަ ލޮނުގެ އަސަރުކޮށް ވަރަށް އަވަހަށް ދަނބަރުޖަހާ ކަންކަން ވާނެކަމަށާއި، ބެލެހެއްޓުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއްކަމަށް" މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ސަލްމާން މިސްކިތް ބެލެހެއްޓުމަށް ބޮޑު ޚަރަދެއް ހިނގާނެކަމަށް ބެލެވޭއިރު، ސައުދީ ވަފްދާއެކު ބޭއްވުނު މަޝްވަރާތަކުގައި އެކަމަށް ސައުދީ ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދެވިދާނެތޯ ސަރުކާރުން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް މިސްކިތުގައި ބޭނުންކޮށްފައި ހުރި އެއްވެސް މެޓީރިއަލެއް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން އެހާ ބޮޑު ޚަރަދެއްދާއިރުގައި އެބޭފުޅުން އެ ޚަރަދު ދިނުމަށްޓަކާ އަދަދެއްވެސް އަޅުގަނޑުމެން ހުށަހެޅިން. އެބޭފުޅުންނަށް އެކަން ވެދާނެތޯ، އަޅުގަނޑުމެންނަށް އެހީތެރިކަމެއް ފޯރުކޮށްދެވިދާނެތޯ. ދެން އެބޭފުޅުން މަޝްވަރާކޮށްފައި ޖަވާބެއް އަރުވާނެކަމަށް ވިދާޅުވި. އެކަމަކު އެހެން މެޓީރިއަލަކަށް ބަދަލުކުރުމުގެ ވާހަކައެއް ނުދެކެވޭ. ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެންނަށް އެ ޚަރަދު އެބޭފުޅުން ދެއްވާކަމަށްވަނީނަމަ ކުރިއަށްއޮތްތާނގައި އެކަންތައްތައް ރަނގަޅުކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ" މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވަނީ ސައުދީ ސަރުކާރުން ދޭންޖެހޭ ހުއްދަތައް ލިބުމުގައި ލަސްތަކެއް ދިމާވާތީކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ސަޢުދީ ސަރުކާރުގެ ވިސްނުން ހުރީ އަންނަ ރަމަޟާންމަހަށް މިސްކިތް ހުޅުވުމަށްކަމަށެވެ. އެހެންނަމަވެސް ސައުދީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި އަންނަ ރަމަޟާންމަހުގެވެސް ކުރިން މިސްކިތް ހުޅުވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ދަންނަވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަފްދުގެ ފަރާތުން ދިވެހި ސަރުކާރުން ހުށަހެޅުއްވި ކަންކަން ސައުދީ ރަސްގެފާނާއި ހިއްސާކުރައްވާ، މިސްކިތް ހުޅުވުމުގެ އިންތިޒާމްތައް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވަފްދުން ވިދާޅުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.