ކުޅިވަރު

ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރެވޭނީ ގައުމަށްޓަކައި ކުޅެގެން - އައްސަދު


ސާފް ޗެންޕިއަންޝިޕްގައި ކާމިޔާބު ބޭނުންވާނަމަ، ގައުމަށްޓަކައި ކުޅެންޖެހޭކަމަށް ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލި ކެޕްޓަން އައްސަދު އަބްދުލް ޢަނީ ބުނެފިއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލާފައިވަނީ 2008ވަނަ އަހަރުއެވެ. އޭގެ 10 އަހަރު ފަށުން ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްފެ ތަށި އުފުލާލާފައިވަނީ 2018ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން މިމުބާރާތުގެ ތަށި އުފުލާލާފައިވަނީ އިންޑިޔާ ބަލިކޮށްގެންނެވެ.

ކުޅިފަސް ޕްރޮގްރާމްގައި ވާހަކަދައްކަމުން ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީ ބުނީ ސާފް ޗެންޕިއަންޝިޕަކީ އަބަދުވެސް ދިވެހިންނާއި ވަރަށް ގާތް މުބާރާތެއްކަމާއި ކޮންމެ ފަހަރަކުވެސް، ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ތަށިކަމަށެވެ. ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީ ބުނީ 2008ވަނަ އަހަރުގައި ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ނެގީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށާއި އެވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުންވެސް ޓީމްގެ ތެރޭގައިވެސް ހިޔާލުތު ތަފާތުވުންތަކެއް އުފެދިފައިވާކަމަށެވެ. ނަމަވެސް ރާއްޖެއިން މުބާރާތާއި ކުރިމަތިލާފައިވަނީ އެހުރިހާ ހިޔާލު ތަފާތުވުންތަކެއް ދޫކޮށްލުމަށްފަހު، އެންމެން އެއްކައްޗެއް ކިޔައިގެންކަމަށް އައްސަދު ބުންޏެވެ. އަދި ގައުމީ ޓީމަށް ކުޅެން ވާނީ ވަކިކަމެއް ހާސިލް ކުރަން ނޫންކަމަށާއި އަބަދުވެސް ގައުމީ ޓީމަށް ކުޅެންވާނީ ގައުމަށްޓަކައިކަމަށް ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީ ބުންޏެވެ.

"އަބަދުވެސް ގައުމީ ޓީމަށް ކުޅެންވަނީ ގައުމަށް ކަމެއް ކޮށްދިނުމުގެ ގޮތުން. ގައުމީ ޓީމަށް ކުޅުމަކީ ވަރަށް ފަޚުރުވެރިކަމެއް. އެއީ ވަރަށް މަދު ބަޔަކަށް ލިބޭ ފުރުސަތެއް. އެފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންޖެހޭ. ދެ މޫނު ދައްކައިގެން ކުޅުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ. އަބަދުވެސް ކުޅެންވަނީ ގައުމަށް ރީތިނަން ހޯދައިދިނުމުގެ ބޭނުމުގައި. ވަކިކަމެއް ހާސިލް ކުރަން އުޅެގެން އެއްވެސް ފައިދާއެއް ނުކުރާނެ. ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރަން ބޭނުންނަމަ، ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް އެއް އަޒުމެއްގައިި އެއް މިސްރާބަކަށް މަސައްކަތް ކުރުން ވަރަށް މުހިންމު. އަބަދުވެސް ގައުމުދެކެ ލޯބިވެގެން ގައުމަށްކަމެއް ކޮށްދިނުމުގެ ގޮތުން ކުޅުން ވަރަށް މުހިންމު." އައްސަދު ބުންޏެވެ.

އަންނަ މަަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަކީ ރާއްޖެ އެކަނި މުބާރާތް ބާއްވާ ފުރަތަމަ ފަހަރުއެވެ. 2008ވަނަ އަހަރު ރާއްޖެއިން މުބާރާތް ބާއްވާފައިވަނީ އަވަށްޓެރި ސްރީލަންކާއާއި ގުޅިގެންނެވެ. މިފަހަރު ރާއްޖެއިން މުބާރާތް ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވަނީ ނެޕާލްއާއި ވާދަކޮށްގެންނެވެ. ރާއްޖެއަށް މިބިޑް ކާމިޔާބު ވެފައިވަނީ ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ކޯވިޑް-19 ކޭސްތައްވެސް ދަށްވުމާއި ގުޅިގެންނެވެ.