މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރުކަމަށް ވީނަމަވެސް ވޭތުވެދިޔަ މާޒީގައި މަސްވެރިކަން ތަރައްޤީކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މިމަންޒަރު މިހާރު އަންނަނީ ބަދަލުވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުގައި މަސްވެރިކަން ތިޔާގިވީނަމަވެސް ދެކުނުގައި ދެމެހެއްޓެނިވިގޮތެއްގައި މަސްކިރޭނެ ޒަމާނީ ވަޞީލަތެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުން މަސްވެރިކަން ކުރާ ފަރާތްތަކުން މަސްދޯނިތަކާއި ބޯޓުފަހަރުގައި މަސްކިރުމަށް ދިގު ދަތުރެއް ކުރަންޖެހެއެވެ.
މީގެ ސަބަބުން ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ ކޮލިޓީ ގެއްލުމުގެ ފުރުސަތު އޮވެއެވެ. ހަމައެއާއެކު މިއީ މަހަށް ހަމައަގު ލިބުމަށްވެސް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. މިހުރިހާކަމަކަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ އައްޑޫ ސިޓީ ހުޅުދޫގައި މިފްކޯގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދާ ތަރައްޤީގެ މިމަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުދޫ ކައުންސިލަރު ހުސެއިން ފާއިޒުއްރަޙްމާނު ވިދާޅުވީ އެމްޓީސީސީއާއި ޙަވާލުކޮށްފައިވާ މިމަޝްރޫޢު ކުރިއަށްދާގޮތާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީން ކައުންސިލާއި އަބަދުވެސް މަޢުލޫމާތު ހިއްސާކުރަމުންދާތީ މަސައްކަތުގެ ސްޕީޑާއި ދުވަހަށް ނިންމުމަށްކުރާ މަސައްކަތާމެދު ޔަގީންކަން އެބައޮތްކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ.
މިމަސައްކަތަކީ އައްޑޫއަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެ މަޝްރޫޢެއްގެ ގޮތުގައި ހުޅުމީދޫ ކައުންސިލުން ފާހަގަކުރައްވައެވެ. އެގޮތުން ދެކުނުގެ މަސްވެރިން މަސްކިރުމަށް މީގެކުރިން ހޭދަކުރަމުންދިޔަ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިއީ ދިގު މުއްދަތަށް ބަލާއިރު އަމިއްލަ ފަރާތްތަކުން މިވިޔަފާރިއަށް ވަނުމަށްވެސް ހުޅުވޭ ދޮރެއްގެ ގޮތުގައިވެސް ކައުންސިލުން ދެކެއެވެ. ހަމައެއާއެކު ދެކުނުން ބާނާ މަހުގެ ކެޕޭސިޓީ އިތުރުކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިމަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ބަނދަރު ފުންކުރުމަށް އެމްޓީސީސީގެ މަހާޖައްރާފު 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން ބަނދަރުން 1788 ކިއުބިކް މީޓަރުގެ ބިން ހިއްކާ 97 މީޓަރުގެ ބަނދު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބަޖެޓުން 68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިބަނދަރާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށް މިފްކޯއިންވެސް ވިދާޅުވެއެވެ. 1500 މެޓްރިކް ޓަނުގެ މަސްރައްކާކުރުމުގެ ކެޕޭސިޓީ ހުރި މިފިޝަރީޒް ކޮމްލެކްސްއަށް ދިމާވެފައިވާ ދައްޗަކީ މަސް ބޭރުކުރުމުގައިހުރި ދަތިތަކެވެ. މިފްކޯގެ ބަނދަރާއެކު މިމައްސަލައަށްވެސް ޙައްލެއް ލިބިގެން އަންނާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.
ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި، މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް. މި މަސައްކަތުގައި "ޖައްރާފާ 3" ގެންދަނީ 2 ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުން. pic.twitter.com/39WvWlzrYL
— MTCC Plc (@MTCCPlc) September 7, 2021
ހުޅުދޫ މިފްކޯ ބަނދަރުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށްވެސް ނަފާ ލިބޭނެކަމަށް މަސްވެރިކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެގޮތުން މަސްވެރިން މަސްކިރުމަށް ކުރަންޖެހޭ ދަތުރު ކުރުވުމާއެކު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ. އަދި ފުވައްމުލަކުން މަސްވެރިކަމަށް ނުކުމެ އުޅޭ ކުދި އުޅަނދުތަކަށާއި މިސަރަޙައްދަށް ކަންނެލި މަސްވެރިކަމުގައި ދާ ބޮޑެތި އުޅަނދުތަކަށްވެސް މިއީ ފަސޭހަ އަދި ލުއި ގޮތެއްކަމަށް މަސްވެރިންދެކެއެވެ. ހަމައެއާއެކު ދުރު މުސްތަގުބަލުގައި ދެކުނުގެ ބައިނަލްއަޤުވާމީ ބަނދަރުން މަސް އެކްސްޕޯޓުކުރަން ފެށުމަށްވެސް ލިބޭނެ ބޮޑު ބާރަކަށް މިފްކޯ ބަނދަރުވެގެންދާނެކަމަށް މަސްވެރިން ދެކެއެވެ.