ޚަބަރު

ފެނުގެ ނިޒާމަކަށް ކުރި، 22 އަހަރުގެ އިންތިޒާރު ނިމުމަކަށް


1998ވަނަ އަހަރު ބ.ހިތާދޫގެ ބިމުން ނަގާ ފެނަކީ ސިއްޙީގޮތުން ރައްކާތެރި ފެން ނޫންކަމަށް ކަނޑައެޅިތާ 22 އަހަރު ފަހުން އެރަށު ރައްޔިތުން ކުރަމުން އައި އުންމީދުގައި ކުލަޖެހެން ފަށައިފިއެވެ. ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް މިއަހަރު ފަހުކޮޅަށް ނިންމާލުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓް ކުންފުންނިން އަމާޒު ހިފާފައިވާކަމަށް އެކުންފުންޏާ ހަވާލާދީ ހިތާދޫ ކައުންސިލުން ވިދާޅުވެއްޖެވެ.

ހިތާދޫއަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފެށީ އެރަށުގެ ފެނަކީ ސިއްޙީގޮތުން ރައްކާތެރި ފެން ނޫން ކަމަށް ކަނޑައަޅާފައިވާތީއެވެ. ފެނާއި ނަރުދަމާގެ ޤާނޫނެއް ހަދާފައިވަނީ ރައްކާތެރި ސާފު ފެނާއި ނަރުދަމާ ނެތް، އާބާދީގެ ގޮތުން މަދު ރަށްތައް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ މިޚިދުމަތުން ރައްޔިތުން މަޙްރޫމް ނުކުރުމުގެ ބޭނުމުގައެވެ.

ބ.ހިތާދޫގެ ފެން ތަޣައްޔަރުވެ ފެނުން ނުބައިވަސްދުވާތީ އާއި ފެނުގައި ނަޖިސް ހުންނާތީ މިވީހާދުވަހެއްގައި ރައްޔިތުން އަނގަދޮވުމަށާ، ކުޑަކުދިން ފެންވެރުވުމަށް ބޭނުންކުރަނީ ވާރޭފެން ނުވަތަ މިނަރަލް ވޯޓަރއެވެ. އެހެން ނަމަވެސް މިއަހަރުތެރޭގައި އެރަށު މީހުން ދެކޭ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.

"މިބަލަނީ މިއަހަރު ފަހުކޮޅަށް މަސައްކަތް ނިމި ރައްޔިތުންނަށް މިޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް، މިހާރު މަސައްކަތްދާ ސްޕީޑަށް ބަލާނަމަ މިފެށޭމަހުގެތެރޭގައި ގެތަކަށް ކަނެކްޝަން ގުޅައިދޭން ފެށޭނެ." ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ހިތާދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭގައެވެ. މިހާރު މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާ މިހާރު ކުރިއަށްދަނީ އާރުއޯ ބިލްޑިންގް ހިޔާކުރުމުގެ މަސައްކަތާ ފެނާއި ނަރުދަމާގެ މައި ހޮޅި ރަށުތެރޭގައި ވަޅުލުމުގެ މަސައްކަތެވެ. ހޮޅިތައް ވަޅުލާ ނިމުމުން ގޭބިސީތަކަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަސައްކަތުގެ ކޮންޓެކްޓަރާ ހަވާލާދީ އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ފެން ރައްކާކުރުމަށް ބަހައްޓާ ތިންތާންގީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިމަޝްރޫޢުގެ ދަށުން އިދާރީ އޮފީހެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންކޮށް އަމަލީ ހުރިހާ މަސައްކަތެއް ކުރިއަށްގެންދަނީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓް ކުންފުނިންނެވެ.