ޚަބަރު

"މިނިވަންކަން ދިފާޢުކޮށް، ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސަކީ އެއްބައިވަންތަކަން"


  • މިނިވަންކަން ދެމެހެއްޓުމަށް ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަކުރުން މުހިންމުކަމަށް ވިދާޅުވި

  • ޤައުމުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުން މުހިންމުކަމަށްވެސް ވިދާޅުވި

މިނިވަންކަން ދިފާޢުކޮށް، ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހި ދައުލަތް އުފެދުނީންސުރެ، ދިވެހިން އައީ ޤައުމުގެ މިނިވަންކަން ކަށަވަރުކުރަމުން ކަމަށެވެ.

ވަޒީރު ވިދާޅުވީ މިނިވަންކަމަކީ އެތައް ޤުރުބާނީއެއްވެ، ޕްލޭންތަކެއް ކުރެވި އެކަންކަން ތަންފީޒުކުރުމަށް ދުރު ރާސްތާއަށް ވިސްނައިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ހޯދޭ އެއްޗެއް ކަމަށެވެ. މި މަސައްކަތުގައި ބޭރު ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވާދެއްވުމަށްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމުކަމަށެވެ. އަދި ޤައުމުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ރައީސް ވަނީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމު އެއްބައިވަންތަވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި. އެއަށްފަހު ދިވެހިންގެ އުފަލާއި ބާއްޖަވެރިކަމަށްޓަކައި ޢުމްރާނީ ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވި." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ.