ޚަބަރު

އިތުރު 169 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 169 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 100އިން ދަށުން ރިޕޯޓްކުރުމަށްފަހު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރިޕޯޓްކުރި އަދަދު އަނެއްކާވެސް މިވަނީ 100އިން މަތިވެފައެވެ.

ކޯވިޑް19ގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު މިހާރު ގިނަ ކޭސްތައް ރިޕޯޓްކުރަމުން އަންނަނީ އަތޮޅުތަކުގެ ރަށްތަކުންނެވެ. ކޯވިޑް ބަލި ފެނިގެން 23 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 165 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 51 މީހުންނާ، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 103 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،264އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2117އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 16އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 112 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 79،907 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،764 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 226 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.