ޚަބަރު

ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލާ ނިމިއްޖެ- އޭސީސީ


ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ޢަމަލު ކުރަންޖެހޭ ގޮތުގެ ޕްލޭންގެ ޑްރާފްޓް އެކުލަވާލާ ނިމިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ." ނޭޝަނަލް އިންޓެގްރިޓީ ޕްލޭން- އެންއައިޕީ " ގެ ނަމުގައި އެކުލަވާލާ މި ޕްލޭނަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.2014 ވަނަ އަހަރު އެކުލަވާލަން ފެއްޓެވި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ފުރަތަމަ ޑްރާފްޓް މިހާރު އެކުލަވާލެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. މިހާރު އެކުލަވާލާފައިވާ ޑްރާފްޓަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނަށް އެންއައިޕީ ތަޢާރަފް ކޮށްދިނުމަށް މިހާތަނަށް 29 ސެޝަން ބޭއްވިފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.އެންއައިޕީ އެކުލަވާލާފައިވަނީ މައިގަނޑު 5 ސިޔާސަތެއްގެ މައްޗަށެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ފުރުސަތު ނައްތާލުމާއި، ދައުލަތުގެ މުއައްސަސާތަކަކީ ހާމަކަމާއެކު މަސައްކަތްކުރާ، އިތުބާރު ކުރެވޭ ޒިންމާދާރު މުއައްސަސާތަކަކަށް ހެދުމާއި، ޒުވާނުންނަކީ މުޖްތަމަޢަށް ފައިދާހުރި އަދި ނަޒާހަތްތެރި ބައެއް ކަމުގައި ހެދުމެވެ. އަދި އިޖްތިމާއީ ގުޅުން ބަދަހިކޮށް މުޖްތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ނަޒާހަތްތެރިކަން އިސްކޮށް ގުޅިގެން މަސައްކަތް ކުރުމާއި، ސްކޫލް ދަރިވަރުން ނަޒާހަތްތެރި ކުރުންވެސް މި ޕްލޭންގެ ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ.މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރެވޭ އެންޓި ކޮރަޕްޝަން ދުވަހެވެ. މި ދުވަސް ފާހަގަކުރަންފެށުނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން މި މުއާހަދާ ފާސްވުމާއި ގުޅިގެންނެވެ. މި މުއާހަދާގައި ރާއްޖޭން ބައިވެރިވެފައިވަނީ 27 މަރޗް 2007ގައެވެ.އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވާ އެންމެ މުހިއްމު އެއް މަސައްކަތަކީ އާންމުން، ޚާއްސަކޮށް ޒުވާނުން ކޮރަޕްޝަނާމެދު ހޭލުންތެރި ކުރުވުމެވެ. މިކަމަށްޓަކައި އެކޮމިޝަނުން އެކި ވަސީލަތްތައް މެދުވެރިކޮށް، އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަންގެ މައްސަލަތައް ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މަދުވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.މިއަދު ފާހަގަ ކުރެވޭ އެންޓި ކޮރަޕްޝަން ދުވަހުގެ އިތުރުން ރާއްޖޭގައި ގައުމީ އެންޓި ކޮރަޕްޝަން ދުވަހެއްވެސް ކޮންމެ އަހަރަކު އޭޕްރީލް 21ގައި ފާހަގަ ކުރެއެވެ. މިއަދުގެ މުނާސަބަތުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.