ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މާލިއްޔަތަށްވެސް ބޮޑުލުޔެއް ލިބޭނެކަމެއް: ހާރޫން


ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވުމުން، ރާއްޖޭގެ އިޤްތިޞާދަށާއި، މާލިއްޔަތަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ހާރޫން ވަނީ މިބިލުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަ ދައްކަވާފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހިފައިވާ ޤާނޫނެކެވެ. ގިނަ އަހަރުތަކަކަށްފަހު މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވި މެމްބަރު ހާރޫން ވިދާޅުވީ ޤާނޫނު އަސާސީން ލާޒިމްކޮށްފައިވާ ޤާނޫނެއް ނަހަދައި، ޚާއްސަކޮށް ރައްޔިތުންގެ ދިރިހުރުމަށް އެންމެބޮޑަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ގޮތަށް އޮތް އޮތުމަކީ އެކި ސަރުކާރުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ.

ދިވެހިން ބޭނުންކުރާ ބައެއް ބާވަތުގެ ކާބޯތަކެތީގެ ސަބަބުން ޞިއްޚީ ގޮތުންވެސް މައްސަލައް ދިމާވެ، ބޮޑެތި ޚަރަދުކޮށްގެން އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. ތަފާސް ހިސާބުތައް ހާމަކުރައްވަމުން ހާރޫން ވިދާޅުވީ 2018 ވަނަ އަހަރު ކެންސަރު ބަލީގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން 1،029 މީހަކަށް ފަރުވާ ހޯދާފައިވާކަމަށެވެ. އަދި މިބަލީގައި 2019 ވަނަ އަހަރު 1،417 މީހަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ދިމާވާ ބަލިތަކުގެ ތެރެއިން ނިއުރޮލޮޖީގެ ބަލިތަކަށް 2018 ވަނަ އަހަރު 475 މީހަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާއިރު، 2019 ވަނަ އަހަރު 744 މީހަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާކަމަށެވެ. މިއީ ޚަރަދަށް ބަލާއިރު، 100 މިލިޔަން ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ ޚަރަދުކޮށްގެން ފަރުވާ ދީފައިވާ މީހުންކަމަށް ހާރޫން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މިބަލިތަަކަކީ ޑޮކްޓަރުން ފާހަގަ ކުރާގޮތުން ދިވެހިން ކާންބޯން ބޭނުންކުރާ ކާބޯތަކެތީގެ ސަބަބުންނާއި، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ޖެހޭ ބަލިތަކެއްކަމަށެވެ. މިބަލިތަކުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާނޫނެއްގެ ތެރެއިން ކަށަވަރު ކުރެވުމަކީ އޮތް އެންމެ ބޮޑު ހައްލުކަމަށާއި މިޤާނޫނު ފާސްވުމާއިއެކު ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 19 ޤަވާއިދެއް އެކުލަވާލުމުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ވެގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ.

މިބިލުން ލިބޭ އެމްމެ ބޮޑު ހިތްހަމަޖެހުނަކީ އަތޮޅުތެރޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކަށް ލިބިގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ މިންގަނޑުތަކާއި ކާބޯތަކެތި އުފައްދާ މީހާއާއި، އުފައްދާ ބާވަތްތަކާއި، ބާޒާރަށް ނެރޭއިރު، ހުންނަންޖެހޭ މިންގަނޑުތައްވެސް ގަވާއިދުތަކުން ބަޔާންވެގެން ދާނެކަމަށް ހާރޫން ވިދާޅުވިއެވެ. މީގެ ކުރިން މާލޭގައި ހުންނަ އިދާރާތަކުން ހުއްދަ ލިބިގެން ނޫނީ ނުކުރެވޭ ކަންކަން މިޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް ދެވޭކަމީވެސް ލިބޭ އިތުރު ލުޔެއްކަމަށް ހާރޫން ވިދާޅުވިއެވެ.

ކާބޯތަކެއްޗަކީ ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްބައި ކަމަށްވާއިރު، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ މިހައްގު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކުރުމަކީ ކޮންމެ ސަރުކާރަަކަށްވެސް ލާޒިމް ކަމެއްކަމުގައި ހާރޫން ފާހަގަކުރެއްވިއެވެ.