ޚަބަރު

19 ބާބެއްގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި


ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކާއިއެކު، ޒަމާނީ ހެއްކާއިބެހޭ ޤާނޫނެއް އެކުލަވާލުމަށްޓަކައި، ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާއެއް ގޮތަށް ބައްދަލުކޮށްފައިވާ ޤާނޫނަކަށް ނުވުން ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.

މިބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ. ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

ހެއްކާއިބެހޭ ޤާނޫނީ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ 45 އަހަރަށްފަހުއެވެ. 19 ބާބެއްގެ މައްޗަށް، 150 މާއްދާ ހިމެނޭ މިބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް
ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް މިބިލުން ކަނޑައެޅިގެންދާނެއެވެ.

މިބިލުގައި ވަރަށް ތަފްސީލް ގޮތަކަށް ހެކީންގެ އެންމެހައި ކަންކަން ވަރަށް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތަކުގައިވެސް އެންމެބޮޑަށް ދިމާވެފައިވާ އެއް މަސައްލައަކީ ހެއްކާބެހޭ ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމެވެ. ނަމަވެސް މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއް ހެދި ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މިބިލު މަޖިލީހަށް މިއަދު ތަޢާރަފް ކޮށްފައިވާއިރު، ބިލުގެ ބަހުސްގެ މަރުހަލާ އަންނަ ހަފްތާގައި ކުރިއަށްދާނެކަމަށް ބެލެވެއެވެ. އަދި މިބިލަކީ މިދައުރުގެ ތެރޭގައި މަޖިލީހުން ކުރެވިގެންދާނެ އެންމެ މުހިންމު އެއްބިލުގެ ގޮތުގައި މެމްބަރުންވެސް ވަނީ ފާހަކޮށްފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ޤާނޫނަކަށެވެ.