ޚަބަރު

ދޮގު ވާހަތައް ފަތުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް: އަލީ ޒާހިރު


ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލައި، ފަނޑިޔާރުންނާއިމެދު ނުބައި ތަސައްވަރެއް އުފައްދަމުންދަނީ މިހާރު ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި، އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި، އަލީ ޒާހިރަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ މިވާހަކަތައް ދޮގުކުރަވާފައެވެ.

އަލީ ޒާހިރު ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަތަކެއް ފަތުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ އިތުރުބާރު ގެއްލުވާލުމަކީ މިފަދަ ވާހަތައް ދައްކަވާ މީހުންގެ އެންމެބޮޑު އަމާޒުކަމަށެވެ. ނިމިދިޔަ ވެރިކަމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ކޯޓުތަކުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ހައްޔަރުކޮށް، ރައީސް އޮފީހުން ހުކުމްތައް އޮންނަންވީ ގޮތް ބުނެދިން ކަމުގައި ވީނަމަވެސް މިއަދު އެކަން އެގޮތަށް ނުހިނގާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާވެސް އަދި އޭނާވެސް ޝަރުއީ މަރުހަލާގައި ހިނގާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށެވެ. އަލީ ޒާހިރާއި ގުޅިގެން ދެކެވޭ ވާހަތައް ދޮގުކޮށްފައިވާއިރު، ކޯޓުތަކަށް އަލީ ޒާހިރުގެ ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ހައިލަމަށް ގުޅުއްވައި އަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށެވެ.

ނަޖީބުގެ ވާހަތަކާއި ގުޅިގެން ހައިލަމް ވަނީ އެވާހަތަކަށް ރައްދު ދެއްވާފައެވެ. ހައިލަމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރާކަމަށެވެ. އަދި ނަޖީބަކީ، ވަޒީފާ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އޭނާގެ ގާތު އެދުނު ބޭފުޅެއްކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ލީކުވެފައިވާ އޯޑިއޯތަކާއި، ކުރީގެ ބައެއް ފަނޑިޔާރުންގެ ވާހަކަތަކާއި، އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނުވެސް ވިދާޅުވީ މިވާހަކަތަކަކީ މިސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާނެ ބާވަތުގެ ކަންތައްތަކެއް ނޫންކަމަށެވެ. ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީން އަބަދުވެސް ދެކޮޅު ހަދާ ކަމެއްކަމަށާއި، އެކަމަށް ޖާގަނުދެވޭނެ ގޮތަކަށް މިއަދު ކަންކަން އިންތިޒާމު ކުރެވިފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންނަށް އުފުލާފައިވާ ގިނަ ޝަރީއަތްތަކެއް މިމަހުގެ ތެރޭގައި ވަނީ ކޯޓުތަކުގައި ތާވަލްކޮށްފައެވެ. އެގޮތުން މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 12 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ.