ވިޔަފާރި

އައިޓީއެފްސީގެ މެމްބަރު ޤައުމަކަަށް ރާއްޖެ!


އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގައި މެންބަރު ޤައުމަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ބަލައިގެންފިއެވެ.

ރާއްޖެއިން އައިޓީއެފްސީގައި ބައިވެރިވާން ހުށަހާޅާފައިވަނީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން ރާއްޖެއިން އައިއެސްޑީީބީއަށް ކަނޑައަޅާފައިވާ އެކްޓިންގ ގަވަނަރުގެ ހައިސިއްޔަތުން ޕްލީނެރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްއެވެ.

މިބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވަނީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލެމް ސޮންބޮލްއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭއާއި އައިޓީއެފްސީ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމާއި މެދު މަޝްވަރާ ކުރެވުނެވެ.

ރާއްޖޭގެ އެޕްލިކޭޝަން ރަސްމީކޮށް ބަލައިގެންފައިވާއިރު އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީ އަބަދުވެސް ލިބެމުންދެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި އެސްޓީއޯއިން އިމްޕޯޓްކުރާ ތެލުގެ ބާވަތްތަކަށް އެކި ފަހަރުމަތިން އައިޓީއެފްސީން ވަނީ ފައިނޭންސް ފޯރުކޮށްދީފައެވެ.

މީގެ އިތުރަށް 2019 ވަނަ އަހަރު، އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފްރޭމް ވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފައިވެއެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އައިޓީއެފްސީގެ މެންބަރު ޤައުމަކަށްވުމުން މިއެހީތެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމޭންޓް ބޭންކުގެ ދަށުން މަސައްކަތްކުރަމުންދާ އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަޤްސަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް އެޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އެހީތެރިވުމެވެ.