ޚަބަރު

ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެކަމަށް ނިންމައިފިއެވެ.

މިހާރުވެސް ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިއަދު އޮތް މިޝަރީއަތުގެ އަޑު އެހުމަށް ދައުވާ ލިބޭ ހުރިހާ ފަރާތްތަކެއް ވަނީ ޙާޒިރުކޮށްފައެވެ. ނަމަވެސް 9:00 ޖަހާއިރު ފެށުމަށް ތާވަލުކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަށާފައި ވަނީ 10:30 ވިފަހުންނެވެ. އަދި ދިމާވި ބައެއް ސަބަބުތަކާހުރެ ޝަރީޢަތް ފެށުން ލަސްވިކަމަށްޓަކައި ޤާޟީ ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

އޮންލައިންކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް ކުރާ ދެ މާލަމެއް ގުޅުވާލައިގެން ބޭއްވި އަޑުއެހުމުގައި ބައެއް ވަކީލުންގެ އަޑުއިވުމުގައިވެސް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ޤާޒީ ވަނީ މިއަދުގެ އަޑުއެހުން ދިގުލައިގެން ގޮސްދާނެތީ އަޑުއެހުން މިއަދަށް ނިންމާލަފައެވެ.

ތިން ފަރާތުގެ މައްސަލަވެސް އެކުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ވަކިވަކިން އަޑުއެހުންތައް ބާއްވާނެކަން ގާޒީ ވަނީ ޢިއުލާނު ކުރައްވާފައެވެ. އެގޮތުން އަޙުމަދު ކްރިކް ރިޒާގެ އަޑުއެހުން މި މަހުގެ 16ވަނަ ދުވަހުގެ 9:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ސަން ކޮންސްޓްރަކްޝަންގެ ބައި އެ ދުވަހުގެ 10:00 ޖަހާއިރު އަދި ސަން އިންވެސްޓްމެންޓްގެ ބައި 11:00 ޖަހާއިރު ބާއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ.