ކުޅިވަރު

ސްރީލަންކާއާއި ނޭޕާލުން ގަތަރުގައި ކޭންޕު ކުރަނީ


މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް އަވަށްޓެރި ސްރީލަންކާ އާއި ނޭޕާލުން ވެސް ގަތަރުގައި ކޭންޕު ކުރުމަށް ނިންމައިފިއެވެ. ދެޓީމުން ވެސް ގަތަރުގައި 16 ދުވަހުގެ ކޭންޕެއް ކުރުމަށްވަނީ ނިންމާފައެވެ. އެހެން އަހަރުތަކުގެ ސާޗް ޗެންޕިއަންޝިޕާއި މިއަހަރުގެ ސާޗް ޗެންޕިއަންޝިޕްގެ ތަފާތުވާނެއެވެ. މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ކުޅެވިގެންދާނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައެވެ. ލަންކާއިން ގަތަރުގައި ކޭންޕް ކުރާއިރު އެޓީމުން އެގައުމުގައި އެއްވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މިހާތަނަށް ހަމަޖެހިފައެއް ނުވެއެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ބައެއް ޓީމުތަކުން ވަނީ ޔޫރަފްގެ ތާޑް ޑިވިޝަނަށް ކުޅޭ ކުޅުންތެރިންގެނެސް ޓީމުތައް ވަނީ ވަރުގަދަކޮށްފައެވެ. ރައްޖެއިންވެސް މިމުބާރާތައް ތައްޔާރުވުމަށް ގަތަރުގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ގަތަރުގައި އެކުވެރިކަމުގެ 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ގައުމީ ޓީމު ގަތަރަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. ރާއްޖެއިން މިފަހަރުގެ ސާޗް ޗެންޕިއަންޝިޕަށް ނިކުންނަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައެވެ. 2018ވަނަ އަހަރުގެ ސާޗް ޗެންޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ އަވަށްޓެރި އިންޑިޔާއާއި ވާދަކޮށްގެނެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން މަސައްކަތް ކުރި ސާފް ޗެމްޕިއަންޝިޕް ކޯވިޑާއި ގުޅިގެން މިއަހަރަށް ލަސްކުރުމަށްފަހު މިއަހަރުވެސް ކޯވިޑްގެ ސަބަބުން ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވޭ ގޮތްވަނީ ނުވެފައެވެ. އެހެންކަމުން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބިޑަށް ހުޅުވާލިއެވެ. ނޭޕާލާއި ވާދަކޮށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑް ކާމިޔާބުކުރި ބައްދަލުވުމުގައި ބޫޓާނުން ވަނީ މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ދުވަސްކޮޅެއް ދޭން އެދިފައެވެ. މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑްގެ ހާލަތު މިވަގުތު އެންމެ ރަނގަޅީ ރާއްޖޭގައެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަނުކުރުމަށް ބޫޓާނުން ނިންމާފައިވަނީ އެގައުމުގައި ކޯވިޑުގެ ހާލަތު އޮތް ގޮތުން، ކޮންމެހެން މަޖުބޫރު ކަމެއް ދިމާވެގެން ނޫނީ، އެގައުމުގެ ރައްޔިތުން ދަތުރުކުރުމުގެ ހުއްދަ ނެތުމުންނެވެ. ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ނިންމާފައިވާއިރު، ފީފާގެ ސަސްޕެންޝަނެއްގައި މިވަގުތު އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

2008ވަނަ އަހަރު ރާއްޖެ އާއި ސްރީލަންކާ ގުޅިގެން ވަނީ ސާފް ޗެންޕިއަންޝިޕް ބާއްވާފައެވެ. އެފަހަރު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލީ އިންޑިޔާ ބަލިކޮށްގެންނެވެ. 2018ވަނަ އަހަރުވެސް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ އިންޑިޔާ ބަލިކޮށްގެންނެވެ. މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި 5 ގައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ލީގް ބުރުގެ ގުރުއަތުލުމާއި މުބާރާތުގެ ތާވަލް ހަދާނީ ފީފާ ރޭންކިންގައި ގައުމުތައް ރޭންކު ކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ.