ވިޔަފާރި

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ތުރުކީ އާއި ރާއްޖެ ދެމެދު އެއްބަސްވުމެއް


ތުރުކީއާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރުކީވިލާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާއެވެ. ތުރުކީގެ ފަރާތުން ސޮއިކޮށްފައިވަނީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް އިންފްރާސްޓްރަކްޗަރ އާދިލް ކަރަސްމައިލޯގުއެވެ.

މިއެއްބަސްވުމުގެ ދަށުން ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމުގައި އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމުގެ ތެރެއިން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އާންމުކޮށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލުކުރުމުގައި އެހީތެރިކަން ލިބޭނެއެވެ. އެގޮތުން ޓްރެފިކް ރައިޓްސް، ފްލައިޓް ކެޕޭސިޓީ، ފްލައިޓް ސޭފްޓީ، ފެއާ ޝެޑިއުލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމަކީ ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށާއި، މިފަހަރު މިއެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ ތުރުކީގެ ޓްރާންސްޕޯޓު މިނިސްޓްރީން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުރުކީގެ ޓްރާންސްޕޯޓު މިނިސްޓަރ އާދިލް ވިދާޅުވީ، ރާއްޖެއާއި އެކު ދަތުރުފަތުރުގެ ދާއިރާގެ ގިނަ މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ. އެގޮތުން، ކަނޑު ދަތުރުފަތުރުގެ ދާއިރާގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ އިރު ދެ ޤައުމުދެމެދުގައި މިދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވެނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ބޯޓު ބަނުމާއި މެރިޓައިމް ސޭފްޓީގެ ދާއިރާއަށް ޚާއްސަ ސަމާލު ކަމެއް ދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އާދިލް ވަނީ އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ ޓްރާންސްޕޯޓު އެންޑް ކޮމިނިއުކޭޝަން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާއަށް ދައުވަތު އަރުވާފައެވެ.