ވިޔަފާރި

އެސްޓީއޯއިން އޯގަސްޓު މަހު 80،000 ބަސްތާގެ ކާޑު އެކި ސަރަހައްދުތަކަށް


އެސްޓީއޯއިން މިދިޔަ އޯގަސްޓުމަހު ގާތްގަނޑަކަށް 80،000 އާއި ގާތްކުރާ އަދަދަކަށް ކާޑު ބަސްތާ އެކި ސަރަހައްދުތަކަށް ފޮނުވައިފިއެވެ.

މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެސްޓީއޯއިން ބުނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 79813 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ. މިދިޔަ ޖުލައި މަހުން އެކުންފުނިން ފޮނުވާފައިވަނީ 69833 ބަސްތާއެވެ. އެހެންކަމުން ޖުލައި މަހާއި އަޅާ ބަލާއިރު އޯގަސްޓްމަހު ފޮނުވާފައިވާ ކާޑުގެ އަދަދުވަނީ 9980 ބަސްތާގެ އިތުރުވެފައެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް 578 އޯޑަރެއް ވަނީ ފޮނުވާފައެވެ. މީގެތެރޭގައި އަތޮޅުތެރޭގައި ތިބި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ލިބިފައިވާ އޯޑަރުތައްވެސް ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ 24245 ބަސްތާ ހަނޑުލާއި، 7916 ބަސްތާ ހަކުރާއި 21610 ބަސްތާ ފުށެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 2029 އޯޑަރު ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 13477 ބަސްތާ ހަނޑުލާއި، 4601 ބަސްތާ ހަކުރާއި 7964 ބަސްތާ ފުށެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ. އީސްޓޯރއަކީ ކޯވިޑާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކަށް ނުގޮސް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެގޮތް ފަހިކުރުމުގެ ގޮތުން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމެކެވެ.