ދުނިޔޭގެ ވިޔަފާރި

ޑޮލަރުގެ ތާށިކަމާއެކު ސްރީލަންކާއަށް ކާބޯތަކެތި އެތެރެކުރުން ދަތިވެފައި!


ސްރީލަންކާއަށް ކާބޯތަކެތި ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އެޤައުމުގައި އިމަރޖެންސީ އިއުލާންކޮށްފިއެވެ.

ސްރީލަންކާއަށް ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ބެންކުތަކަށް ބޭރު ފައިސާ ލިބުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ.

ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން މުދާ ގުދަންކުރުމާއި އަގުބޮޑުކޮށް މުދާ ވިއްކުން ހުއްޓުވުމަށް އިމަރޖެންސީ އުސޫލުތަކެއް ލަންކާ ސަރުކާރުން އެކުލަވާލާފައިވާއިރު، އެ އުސޫލުގެ ދަށުން ބޮޑެތި ބާރުތަކެއް ސަރުކާރުގެ އޮފިޝަލުން ވަނީ ދީފައެވެ. އެގޮތުން އަގުބޮޑުކޮށް މުދާ ވިއްކުމަށް މުދާ ގުދަން ކުރާ ފަރާތްތަކުގެ މުދާތައް ދައުލަތަށް ނެގުމުގެ ބާރާއި، އެފަދަ ފަރާތްތައް ހައްޔަރުކުރުމުގެ ބާރު އޮފިޝަލުން ވަނީ ދީފައެވެ. އަދި ބައެއް ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.

މީގެއިތުރުން ރައްޔިތުންނަށް ބޭޏުންވާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ގޮދަނާއި ހަނޑުލާއި ހަކުރުގެ ބާވަތްތައް ރައްޔިތުންނަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިސްވެރިއެއްގެ ގޮތުގައި އަސްކަރިއްޔާގެ އިސް ބޭފުޅެއް ވަނީ ހަމަޖައްސަވާފައެވެ.

ލަންކާގައި އިއުލާންކޮށްފައިވާ ކާބޯތަކެތީގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މިހާރުވެސް ވަނީ ބައެއް ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައެވެ. އަދި ފިހާރަތަކުގެ ކައިރީގައި ދިގު ކިއުތައް ހަދާފައިވާއިރު، ހިކި ކިރާއި، ކައްކާ ގޭސް ލިބުމުގައިވެސް ދަތިތަކެއް އުޅޭކަމަށް ޚަބަރުތައް ބުނެއެވެ.

ލަންކާގެ ބައެއް ވިޔަފާރިވެރިން މުދާ އަގުބޮޑުކޮށް ވިއްކުމަށް މިހާރުވެސް ފޮރުވާ ގުދަންކުރަމުންދާކަމަށް ލަންކާގެ ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވާއިރު، އެފަދަ ކަންތައްތައް ކުރާ ފަރާތްތަކަށް ދޭ ޖޫރިމަނާގެ އަދަބު ބޮޑުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ލަންކާއަށް ކާބޯތަކެތި އެތެރެކުރުން މިހާބޮޑަށް ދަތިވެގެން މި އުޅެނީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ކާނާގެ އިތުރުން ލަންކާއަށް ބޭނުންވާ ވަރަށް ތެޔޮ ލިބުމުގައިވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގޮތުން ވެހިކަލް ދުއްވާ ފަރާތްތަކުންވެސް ވީހާވެސް މަދުން ތެޔޮ ބޭނުންކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެން ނޫންނަމަ އަހަރު ނިމޭއިރު ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަން ޖެހިދާނެކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.

ލަންކާގެ އިތުރުންވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކޯވިޑް ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ދަނީ އެތައް ދަތިތަކަކާއި އުނދަގޫތަކެއް ތަހައްމަލުކުރަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކުގައި ވަޒީފާ ނެތް މީހުންނާއި ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ އިންތިހާއަށް އަރާފައެވެ. ނަމަވެސް ރާއްޖޭގައި މިފަދަ މަންޒަރުތަކެއް ނުފެންނަނީ ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޯވިޑް ހާލަތު ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ބަލީގެ ހާލަތު ގޯހުން ގޯހަށް ނުދަނީސް ލޮކްޑައުންކުރުމާއެކު ރާއްޖޭގައި އެޅި ކާފިއުގެ ފިޔަވަޅުތައް ހިމެނެއެވެ. އަދި މުއްދަތުތަކުގެ ތެރޭގައި މާލީ ގެއްލުން ލިބުނު ވިޔަފާރިތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ސަރުކާރުން ވަނީ ޚާއްސަ އިނާޔަތްތަކާއި ލޯނުތައް ހަމަޖައްސަވައިދެއްވާފައެވެ. މީގެއިތުރުން ހަރުދަނާ ފިޔަވަޅުތަކަކާއެކު ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު، ލޯނު ނަގައިގެން ވިޔަސް އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދެވުނުކަމީ އެހެން ޤައުމުތަކަށް ދިމާވެފައިވާ ދަތި ހާލު ރާއްޖެއަށް ކުރިމަތިނުވި މައިގަނޑު ސަބަބުކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ބުނެއެވެ.