ވިޔަފާރި

މިއަހަރުގެ މެރިން އެކްސްޕޯ އަންނަ ޑިސެމްބަރުމަހު


މިއަހަރުގެ މެރިން އެކްސްޕޯ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ހުޅުމާލޭގައިކަމަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގެ ފެސްޓިވަލްއަކާއި، މެރިން ފުޑްސް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި މިއަހަރުގެ އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި ގުޅުންހުރި މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޭނެއެވެ.

ކޯވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ މެރިން އެކްސްޕޯ ބާއްވާފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް މިއަހަރުގެ އެކްސްޕޯ ބާއްވާނީ ފިޒިކަލްކޮށް ޑިސެމްބަރުމަހުގެ 10 އިން 12 އަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާ ވަގުތު ބޯޓުތައް ދައްކާލަން ބަހައްޓާފައި ހުންނާނެއެވެ. އެހެންކަމުން ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ވިއްކާ ފަރާތްތަކާއި ވާހަކަދައްކާ މައުލޫމާތު ލިބިގެންދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި މެރިން އިންޑަސްޓްރީގެ އެކި ކަންކަމާއިގުޅޭ ސެމިނަރަތައްވެސް މިއަހަރު ކުރިއަށްދާނެއެވެ. އެގޮތުން މެރިން ފުޑްސް ހަރަކާތަކީ މިއަހަރު މުޅިން އަލަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 7 ވަނަ އަހަރެވެ.