ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓުންކަމަށްވާ އައިމިނަތު ލަޔާނާ މުހައްމަދު، ހުސެއިން ޒީކް ސައުދު އަދި އާދަމް ރިއްފަތު ވެސް އުންމީދީ ނަތީޖާއެއް ހޯދައިފިއެވެ.
ރާއްޖޭގެ ލަޔާނާ އަންގާރަ ދުވަހު ވާދަކޮށްފައިވަނީ އަންހެނުންގެ 400 މީޓަރު ދުވުމުގައެވެ. މި އިވެންޓުގައި ވާދަކޮށް ލަޔާނާ ރޭސް ނިންމީ 1:01.05 ސިކުންތުންނެވެ.
މީގެ އިތުރުން ފިރިހެނުންނެގެ 400 މީޓަރު ދުވުމުގައި ވާދަކޮށް ޒީކް ރޭސް ނިންމީ 49.96 ސިކުންތުންނެވެ. މި އިވެންޓުގައި ޖުމަލް 46 އެތުލީޓުން ވާދަކުރިއިރު، ޒީކް ރޭންކް ކޮށްފައިވަނީ 38 ވަނައިގައެވެ.
މީގެ އިތުރުން ރާއްޖޭގެ ރިއްފަތު ވެސް ވަނީ 400 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. އޭނާ ރޭސް ނިންމީ 50.94 ސިކުންތުންނެވެ. އެއާއެކު ރިއްފަތު ރޭންކް ކޮށްފައިވަނީ 42 ވަނައިގައެވެ.
މި މުބާރާތުގައި ބުދަ ދުވަހު ވެސް ރާއްޖޭގެ ދުވުންތެރިންނަށް އިވެންޓަކެއް އެބަހުރިއެވެ. އެގޮތުން އަންހެނުންގެ 200 މީޓަރު ދުވުމުގެ ރައުންޑް 1 ހީޓު އެކެއްގައި ޒިވާ މޫސާ ޝަފީއު ދުވާއިރު، ހީޓު ހަތަރެއްގައި އަހްނާ ނިޒާރު ވާދަކުރާނެ އެވެ. އަދި ހީޓް ފަހެއްގައި ލަޔާނާ ވާދަކުރާނެއެވެ.
މީގެ އިތުރުން ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ރައުންޑް 1 ހީޓް އެކެއްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކުރާއިރު، ހީޓް ހަތެއްގައި ރިއްފަތު ވާދަކުރާނެއެވެ. އަދި ހީޓު ނުވައެއްގައި ޒީކް ވެސް ވާދަކުރާނެއެވެ.