މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން، 12 ޤައުމީ ރެކޯޑެއް ހަދައިފިއެވެ.
ގޭމްސްގައި ސްވިމިން އިން ވާދަކުރާ ދިވެހި ފެތުންތެރިންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އާއި މެރާލް އައިން ލަތީފްގެ އިތުރުން މުހައްމަދު ރިހާން ޝިހާމާއި ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިނެވެ.
ކޮމަންވެލްތު ގޭމްސްގެ ސްވިމިންގ ހުރިހާ އިވެންޓެއް ނިމިފައިވާއިރު މި ގޭމްސް ފެށެން ކައިރިވެފައި ވަނިކޮށް ސާރާ މުޙައްމަދު ވަނީ ފެތުމުގެ ޤައުމީ ރެކޯޑު ހެދުމުގެ ސިލްސިލާ ފަށާފައެވެ. އެއީ ބެންކޮކްގައި ކުރިޔަށްދިޔަ 12 ވަނަ އޭޝިޔަން އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕް 2026ގެ ތެރެއިން، އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ 10 އަހަރުވީ ޤައުމީ ރެކޯޑެކެވެ.
ސާރާ މި ރެކޯޑު އައުކޮށްފައި ވަނީ، 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު މެލޭޝިޔާ ގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭޝިޔަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ.
ސާރާ އައުކުރި ރެކޯޑާއެކު، ޤައުމީ ރެކޯޑު އައުކުރުމުގެ ސިލްސިލާ ފެށިގެންދިޔައިރު އެންމެ ގިނަ ޤައުމީ ރެކޯޑު އައުކުރީ ތަޒްކިޔާއެވެ. އޭނާ ވަނީ ހަތަރު ޤައުމީ ރެކޯޑެއް އައުކޮށްފައެވެ.
މީގެއިތުރުން ލޫތު އާއި ރިހާން، ދެ ގައުމީ ރެކޯޑެއް އައުކުރިއިރު، އާން އާއި މެރާލް ވެސް ވަނީ ރެކޯޑެއް އައުކޮށްފައެވެ. އަދި މިކްސް ރިލޭ އިވެންޓުގެ ދެ ރެކޯޑެއް ވެސް ރާއްޖޭގެ ފެތުންތެރިން އައުކޮށްފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އިއްޔެ އެކަނިވެސް ދިވެހި ފެތުންތެރިން ވަނީ ހަތަރު ޤައުމީ ރެކޯޑެއް އައުކޮށްފައެވެ.
އެއީ ލޯންގކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑުގެ އިތުރުން ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް އަދި ހަތަރެއް ގުނަ 100 މީޓަރުގެ މިކްސްޑް މެޑްލީ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ.
ލޯންގްކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އައުކުރި ޓީމުގައި ހިމެނެނީ ތަޒްކިޔާ , ލޫޠު, ރިޙާން އަދި މިރާލް އެވެ. މި ރެކޯޑް އައުކޮށްފައިވަނީ 04:31.16 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ ސިންގަޕޫރުގައި ކުރިޔަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 04:40.23 އިން ރޭސް ނިންމައިގެންނެވެ. އެފަހަރުގެ ދިވެހި ޓީމުގައި ހިމެނުނު ފެތުންތެރިންގެ ތެރެއިން މިފަހަރުގެ ޓީމުގައި ނުހިމެނެނީ މުޙައްމަދު އާން ޙުސައިނެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކުރިއިރު އޭނާ މި ރެކޯޑު އައުކުރީ 00:27.99 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ ތަޒަކިޔާއެވެ. އެއީ، ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް 2026 ގައި ގައި 00:28.49 އިން ރޭސް ނިންމައިގެންނެވެ.
ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އައުކުރިއިރު އޭނާ ރެކޯޑު އައުކުރީ 05.09.68 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ ބަޚްރައިންގައި ކުރިޔަށް ދިޔަ ބަޚްރައިން ކަޕް 2026 ގައި 05.11.03 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
ހަތަރެއް ގުނަ 100 މީޓަރުގެ މިކްސްޑް މެޑްލީ ރިލޭ އިވެންޓްގެ ގައުމީ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ ތަޒްކިޔާ، ލޫތު، ރިހާން އަދި މެރާލް އެވެ.