ކުޅިވަރު

ޔޫރަޕްގެ ފެންވަރު ހުރިކަން މިރޭ ސާބިތުކޮށްދޭނަން - ވެން ޚާލް


ޔޫރަޕްގައި ވާދަކުރެވޭ ފެންވަރު މެންޗަސްޓަރ ޔުނައިޓެޑްގެ ކިބައިގައި އެބަހުރިކަން ސާބިތު ކޮށްދޭން ޖެހޭކަމަށް ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ޚާލް ބުނެފިއެވެ.ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި މިރޭ ވުލްފްސްބާރގާއި ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެން ޚާލް ބުނީ ވުލްފްސްބާރގްގެ ދަނޑުގައި އެ ޓީމު ބަލިކުރަން މަޖުބޫރުކަމަށާއި މި މެޗް ކާމިޔާބުކޮށް މެންޗަސްޓަރ ޔުނައިޓެޑަކީ ޔޫރަޕްގައި ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަން ދައްކަދޭން ޖެހޭކަމަށެވެ.އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ވޭން ރޫނީ އަށް މިރޭ ނުކުޅެވޭއިރު، މިރޭގެ މެޗުގައިވެސް ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެކަމަށް ވެން ޚާލް އުއްމީދު ކުރެއެވެ. "ޗެމްޕިއަންސް ލީގުގައި ދެމި އޮންނަން ބޭނުންވަނީ މި މެޗުން މޮޅުވެގެން، ކެޕްޓަން ރޫނީއަށް ނުކުޅެވުނަސް ޒުވާން ކުޅުންތެރިން އެތަން ފޫބައްދާނެ" ވެން ޚާލް ބުންޏެވެ.މިރޭ ވުލްފްސްބާރގް އަތުން މެންޗަސްޓަރ ޔުނައިޓެޑް ބަލިވެ މި ގްރޫޕްގައި ޕީއެސްވީއާއި ސީއެސްކޭ މޮސްކޯ ބައްދަލުކުރާ މެޗް ޕީއެސްވީ ކާމިޔާބުކޮށްފިނަމަ ގަދަ ސޯޅައިގެ ފުރުސަތު ލިބިގެންދާނީ ވުލްފްސްބާރގާއި ޕީއެސްވީއަށެވެ.  އޭރުން ގްރޫޕްގެ ތިންވަނަ ޓީމްގެ ގޮތުގައި މެންޗަސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.