ޚަބަރު

އިތުރު 600 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކުރިއަށްދާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިތުރު 600 މީހުން، ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 303،000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު 1100އަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެތެރެއިން 617 މީހުންނަކީ ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކުރި މީހުންނެވެ. އެއީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 264 މީހުންނާއި، ރަށްރަށުން 2ވަނަ ޑޯޒް ޖެހި 353 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 303،129އަށް އަރާފައެވެ..

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 535 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރައްދުން ފުރަތަމަ ޑޯޒް ޖެހި 306 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 229 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 384،979އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރައްވާފައިވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިރީސް ހާސް މީހުން ތިބިކަމަށެވެ. 18އަހަރުން މަތީގެ އާބާދީގެ %85 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.