ޚަބަރު

ފޭސް-2 ބަސް ސްޓޮޕްތައް ދެ ހަފްތާތެރޭގައި ނިމޭނެ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އެއީ އަމިއްލަ މީހުން ހަދާފައިވާ މަދު ގެތަކުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަންނަ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ހިޔާ ހައުސިން މަޝްރޫޢުއެވެ.

ފްލެޓްތައް ގޭގެ ވެރިންނާ ހަވާލުކޮށްފައިވާއިރު، މިހާރު ކުރަމުންދަނީ އާއިލާތަކުން ފްލެޓަށް ބަދަލުވުމަށް ކުރަންޖެހޭ ފަހުގެ މަސައްކަތްތަކެވެ. ހިޔާ ފްލެޓްތަކުގަ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ޑިސެމްބަރު މަހާ ހަމައަށް މުއްދަތުވަނީ ދީފައެވެ. ކުރިއަށް އޮތް ދެތިންމަސްތެރޭ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުކުރާނެއެވެ. ހިޔާ މަޝްރޫޢުއާއެކު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސާޅީސް ހާހެއްހާ މީހުން ބަދަލުވާނެކަމަށް ބެލެވެއެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގަ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ދެވަނަ ފިޔަވަހީގަ އާއްމު ދަތުރުފަތުރުގެ ޚިދުމަތް ފެށުމެވެ. އެގޮތުން ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ، ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ބަސް ސްޓޮޕްތައް ހެދުމުގެ %92މަސައްކަތް މިހާރުވަނީ މުޅިން ނިމިފައެވެ. ބަސް ސްޓޮޕްތަކުގެ އޮނިގަނޑުގެ މަސައްކަތް ނިންމާ، މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާ ފިނިޝިން މަސައްކަތްތަކެވެ. އެޗްޑީސީން ބުނެފައިވަނީ މިމަހުގެ މެދުތެރެއާ ހަމައަށް، ބަސް ސްޓޮޕްތަކުން ޚިދުމަތް ފެށޭވަރަށް ބަސް ސްޓޮޕްތަކުގެ މަސައްކަތް ނިމޭނެކަމަށެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް މިވަގުތު ދެނީ އެމްޓީސީސީންނެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައްވެސް ގުޅިގެން އަންނާނީ، މިހާރު ދެމުންދާ ބަސް ދަތުރުތަކުގެ ޚިދުމަތާ އެކުއެކީގަކަމަށެވެ.

މިހާރު ބޭނުންކުރަމުންދާ ބަސްތަކަކީ އެއްފަހަރާ ގިނަ މީހުން އުފުލޭ، ޖާގަ ތަނަވަސް ބަސްތަކެކެވެ. މީގެ ތެރޭގަ ޑަބަލް ޑެކަރ ބަސްތައްވެސް ހިމެނެއެވެ.