ކުޅިވަރު

ލީގުގެ ދެވަނަ ބުރުން ހަ ކުޅުންތެރިން އެވޯޑަށް ވާދަކުރަނީ


އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ހަވީރު ސްޕޯޓްސް އެވޯޑަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީން ކަނޑައަޅައިފިއެވެ. ލީގުގެ ދެވަނަ ބުރުން ހަވީރުން ހޮވާ އަހަރުގެ އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހަ ކުޅުންތެރިން ވާދަކުރެއެވެ. މި ހަ ކުޅުންތެރިންނަކީ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޝާފިއު އަހުމަދު، އައްސަދު އަލީ، ހަމްޒާ މުހައްމަދުގެ އިތުރުން މާޒިޔާގެ އަސަދުﷲ އަބްދުﷲ، އަހުމަދު ނާޝިދު އަދި ކްލަބް އީގަލްސްގެ އިސްމާއިލް އީސާއެވެ.ހަވީރު ސްޕޯޓްސް އެވޯޑުގެ އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ލީގުގެ ދެވަނަ ބުރުން ވާދަކުރާ ފަސް ކުޅުންތެރިންނަކީ ނިއުރޭޑިއަންޓްގެ ހަމްޒާ މުހައްމަދު، ޓީސީގެ ނާއިޒް ހަސަންގެ އިތުރުން ކްލަބް އީގަލްސްގެ އިބްރާހިމް މުބީން، އަންސަރު އިބްރާހިމް އަދި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ސަމޫހު އަލީއެވެ. ހަވީރު ސްޕޯޓްސް އެވޯޑުގެ އަހަރުގެ އެންމެ މޮޅު ކޯޗްގެ މަގާމަށް ވާދަކުރަނީ ނިއުރޭޑިއަންޓްގެ ކޯޗް ނިކޮލާ ކަވަޒޮވިޗް، މާޒިޔާގެ ކޯޗް އަލީ ސުޒޭން، އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޢަނީ، ޓީސީގެ ކޯޗް މުހައްމަދު ނިޒާމްގެ އިތުރުން ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދެވެ. އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމަށް ލީގުގެ ދެވަނަ ބުރުން ވާދަކުރާ ހަ ރެފްރީންނަކީ އަހުމަދު ޝިފާން އަބްދުއްރަހީމް، ބާސިލް ނަފީސް، އިސްމާއިލް އިޒްހާން، އަހުމަދު އަމީޒްގެ އިތުރުން އާދަމް ފަޒީލް އަދި މުހައްމަދު ޖާވިޒެވެ.