ސިޔާސީ

ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ޤާއިމްކުރަނީ


ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވަމުން ގެންދަވަނީ، ޓެކްނޮލޮޖީގެ ގޮތުން މިހާރަށްވުރެ އެކޮމިޝަން ބާރުވެރި ކުރުމަށްކަމަށެވެ.އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ޤާއިމްކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރިއަރާފައިވާ ޤައުމުތަކުގެ ވޯޓުލާ ނިޒާމްތައް ބައްލަވާ ދިރާސާކުރައްވަމުންނެވެ. އެގޮތުން އެފަދަ ޤައުމުތަކުގައި ބާއްވާ އިންތިޚާބުތައް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަވަނީ އޮބްޒާވްކުރައްވަމުންނެވެ.އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޒަމާނީ އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ބޭނުން ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.އެގޮތުން އެފަދަ ނިޒާމެއް ޤާއިމް ކުރެއްވުމުގެ ކުރިން އެންމެ އަސާސީ ކަމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވަނީ މުޅި ރާއްޖެއަށް އިންޓަރނެޓްގެ ޚިދުމަތް ލިބިގެން ދިއުމެވެ. އެފަދަ ނިޒާމެއް ޤާއިމްކުރެއްވުމަށް އިންޓަރނެޓް ވިއުގައިން މުޅި ރާއްޖެ ގުޅާލެވިފައިވުމާއި، ހުރިހާ ރަށަކަށް ތްރީ-ޖީގެ ޚިދުމަތް ލިބުމަކީ މިހާރު މިފަދަ ނިޒާމެއް ޤާއިމްކުރެއްވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން އަކްރަމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ނިޒާމަކަށް ރާއްޖެ އޮތީ ތައްޔާރަށްކަން އަކްރަމް ފާހަގަކުރެއްވިއެވެ.އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާ ވަނީ، އެކޮމިޝަނުން ތަރައްޤީކުރާ ޒަމާނީ ނިޒާމްތަކުން ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުތައް ބޭއްވޭނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަމްޖަދު ވިދާޅުވީ، ރާއްޖޭގައި އަލަށް ތަޢާރަފްކުރެވޭ ނިޒާމަކީ މައްސަލައެއް ދިމާވެއްޖެނަމަ އަލުން ވޯޓު ގުނުމުގެ ފުރުސަތު އޮތް ނިޒާމެއްކަމަށާއި، ވޯޓުލާ މީހާއަށް، އޭނާ ބޭނުންވެއްޖެނަމަ ވޯޓު ކަރުދާސްކޮޅު އަލުން ޗެކްކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެފަދަ ފަސޭހަ ނިޒާމެއްކަމަށެވެ. އެހެންކަމުން މިފަދަ ނިޒާމަކުން ޢާންމުންގެ ޝަކުވާ މަދުވާނެކަން ފާހަގަކުރެއްވިއެވެ.ޒަމާނީ ވޯޓިން ނިޒާމެއް ތަޢާރަފްކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ވަމުންދާއިރު ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ހިންގެވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.