ތަޢުލީމު

މެލޭޝިއާގެ ޔުނިވަރސިޓީއަކާ ގުޅިގެން، ބަޔޯ ޓެކްގެ ޚާއްސަ ކޯސްތަކެއް މައި ކޮލެޖުން


ރާއްޖޭގައި ބަޔޯ ޓެކްނޮލޮޖީގެ ދާއިރާއިން ޚާއްސަ ކޯސްތަކެއް ހިންގުމަށް މައި ކޮލެޖުން މެލޭޝިއާގެ ނިލާއީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމާގުޅޭ މެމޮރެންޑަމް އޮފް އެސޯސިއޭޝަން، އެމް.އޯ.އޭގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މައި ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއަރމަން އަޙްމަދު މުއްތަކީއެވެ. އަދި މެލޭޝިއާގެ ނިލާއީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވައިސް ޗާންސެލަރ ޑާޓޯ ޑރ. އަޒްހަރު ބިން އިސްމާޢީލެވެ.

މި އެއްބަސްވުމުގެ ދަށުން ބަޔޯ ޓެކްނޮލޮޖީ ކޯސްތައް ފައުންޑޭޝަނުން ފެށިގެން ބެޗްލާ އޮފް ސައިންސް އޮނާސްއާއި ހަމައަށް މައި ކޮލެޖުގެ ރާއްޖޭގެ އެކި ކެމްޕަސްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން އޮފް ސައިންސް އަދި ބަޔޯ ޓެކްއިން ޑިޕްލޮމާ އަދި ބެޗެލާޒް ޑިގްރީ ހިމެނެއެވެ.

މީގެ ތެރެއިން ފައުންޑޭޝަން އޮފް ސައިންސަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ޑިޕްލޮމާ އިން ބަޔޯ ޓެކްނޮލަޖީއަކީ 2 އަހަރު ދުވަހުގެ ކޯހެކެވެ. އަދި ބެޗްލާ އޮފް ސައިންސް އޮނާސްއިން ބަޔޯ ޓެކްނޮލަޖީއަކީ 3 އަހަރު ދުވަހުގެ ކޯހެކެވެ.

މެލޭޝިއާގެ ނިލާއީ ޔުނިވަރސިޓީއާއެކު ވެވުނު އެއްބަސްވުމާގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މައި ކޮލެޖުގެ ރެކްޓަރ ލަމްޔާ ޢަބްދުލްޚާދީ ވިދާޅުވީ، އަމާޒަކީ ފައުންޑޭޝަން އަދި ޑިޕްލޮމާ ކޯސްތައް އަންނައަހަރުގެ ޖެނުއަރީގައި ފެށުންކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި އަތޮޅުތަކުގެ ކެމްޕަސްތަކުން ކޯހަށް އެޕްލައިކުރާ ކުދިން މަދުވިނަމަވެސް، އެ ކުދިންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށް ލަމްޔާ ވިދާޅުވިއެވެ.

ނިލާއީ ޔުނިވަރސިޓީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބަޔޯ ޓެކްގެ ކޯސްތައް ދަރިވަރުން ކްލާހަށް ޙާޞިރުވެގެންނާއި، ވަރޗުއަލްކޮށްވެސް ކުރިއަށްގެންދާނެކަމަށާއި، މި ދާއިރާއިން ކިޔަވާ ކުދިން ފުރިހަމަކުރަން ޖެހޭ ލެބޯޓަރީ ތަމްރީންތައް ރާއްޖޭގައި ހެދޭނެކަމަށް މައި ކޮލެޖުން ބުނެއެވެ.

މައި ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކް މިހާރު ކުރިއަށް ދާއިރު، މި އިންޓޭކުގައި އައު 3 ކޯހެއް ފެށުމަށް މައި ކޮލެޖުން ވަނީ އިޢުލާންކޮށްފައެވެ. އެއީ ސެޓްފިކޭޓް ލެވެލް ތިނެއްގެ ދަނޑުވެރިކަމާގުޅޭ ކޯހަކާއި މާސްޓާސް ޑިގްރީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާސް ޑިގްރީ އިން އިސްލާމިކް ސްޓަޑީސްއެވެ.