ޚަބަރު

ކުޅިވަރުގެ ވަސީލަތް ޤާއިމުކުރުމަށް ބިޔަ މަޝްރޫޢެއްގައި މާދަމާ ސޮއިކުރަނީ


ކުޅިވަރުގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ވަސީލްތައް ޤާއިމްކުރުމަށް ބިޔަ މަޝްރޫޢެއް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. އެކަމުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި މާދަމާ ސޮއިކުރެވޭނެކަމަށެވެ. އޭގެ ތެރޭގައި އަތޮޅުތަކުގައިވެސް ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

މަބްރޫކް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މާލޭ ގަލޮޅު ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް ނެޝަނަލް ވޮލީ އަދި ބާސްކެޓް ބޯލް ކޯޓް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވަނީ މި މަޝްރޫއު ކުރިއަށް ގެންދާނެ ރަށްރަށް ހާމަކުރައްވާފައެވެ. ނަމަވެސް މަޝްރޫޢަށް ހޭދަވާ ފައިސާގެ ޢަދަދެއް ހާމަނުކުރައްވައެވެ.

"މީގެ ތެރޭގައި އެބަހިމެނޭ ހދ.ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް، އަދި ތ.ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ. މީގެ އިތުރު ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްޤީކުރުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ. އަދި ނެޝަނަލް ބާސްކެޓް ބޯލް ސެންޓަރެއް މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ މި އެއްބަސްވުމުގެ ތެރެއިން. ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރއެއް ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެކި ރަށްރަށުގައި، އެއީ ކުޅުދުއްފުށީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އައްޑޫ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ފައިނޭންސް ކުރެވިގެންދާނެ." މަބްރޫކް ވިދާޅުވިއެވެ.

މިއަހަރު ވެގެންދާނީ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރެއްކަމަށާއި މިއަންނަ އަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
އެގޮތުން ގަލޮޅު ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަށް އިސްކަންދީގެން ފީފާއިން ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. 1980ގެ ކުރީކޮޅު ދެ ބުރިއަށް ހެދި ސިޑިބަރިވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. އަދި އެފްއޭއެމުން ވަނީ ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހަވާނެހެން ގޮނޑިވެސް ޖަހާފައެވެ.

މީގެ އިތުރުން ރާއްޖޭގެ 4 ރަށެއްގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ސަރުކާރުންވަނީ މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

މުޖޫ

ސާބަހޭ ރައީސް ޞާލިހް. އަދި މިނިސްޓަރ މަހްލޫފްގެ ބުރަ އަދި އެހާމެ ކާމިޔާބު މަސައްކަތްތަކަށް. މަހްލޫފް މިވަގުތު ނެތުމަކީ ކުޅިވަރަށް ލިބޭ އެންމެ ފަޅުކަން.