ޚަބަރު

އަލިފުށީ އެއަރޕޯޓު ހެދުމުގެ މަސައްކަތް، އެމްޓީސީސީން ހިންގާ އެންމެބޮޑު މަޝްރޫޢު


ރާއްޖޭގެ ކުންފުންޏަކާ ހަވާލުކޮށްގެން މިހާތަނަށް ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީން މިއަދު ސޮއިކޮށްފިއެވެ. 451.6 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ އެމް.ޓީ.ސީ.ސީގެ 40 އަހަރުވީ ދިގު ތާރީޚުގައި އެކުންފުންޏާ ޙަވާލުކުރި އެންމެ ބިޔަ މަޝްރޫޢުކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރ.އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. އަލިފުށީ އެއަރޕޯޓުގައި ތަރައްޤީކުރަނީ 1200 މީޓަރުގެ ދިގު ރަންވޭއެކެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އަލިފުށީގެ ބިން ހިއްކާ އެއަރޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށީ ޕްރޮޖެކްޓް ސަރުކަރުން އެކުންފުންޏާ ޙަވާލުކުރުމުން އެނގިގެންދަނީ މިފަދަ ބިޔަ މަޝްރޫޢުތައް އެމްޓީސީސީއަށް ކުރިއަށްގެންދެވޭނެ އިތުބާރު އޮތްކަންކަމަށެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށާއި އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު ހެދުމަށް ޚާއްސަކޮށްފައިވާ ބިމެވެ. އަދި އަނެއް 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ހިއްކާ ބިންކަމުގައި ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

1200 މީޓަރުގެ ދިގު ރަންވޭއަކާއެކު އެއަރޕޯޓަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކަރުގެ އަމާޒަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ކޮންމެ ބައިގަޑިއަކުން ދަތުރުކުރެވޭނެ ފަދަ ވައިގެ ދަތުރުފަތުރު ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން މިހާރުވެސް އެމްޓީސީސީން އަންނަނީ ގދ.ފަރެސްމާތޮޑާ އެއަރޕޯޓު ހެދުމުގެ މަސައްކަތްކުރަމުންނެވެ.