ޚަބަރު

ދަރަވަންދޫ ފެނުގެ މަޝްރޫޢު ނިމި ނަރުދަމާގެ މަސައްކަތް ފަށަން ތައްޔާރުވަނީ


އާބާދީގައި 900 މީހުން ދިރިއުޅޭ ދަރަވަންދޫ އަކީ ބ.އަތޮޅުގެ މައި ދޮރާއްޓަށްވެފައި އެރަށަކީ އެއަތޮޅުގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ހިންގާ އެއްރަށެވެ. ރައްކާތެރި ފެނާއި ނަރުދަމާ ނެތުމަކީ އެވިޔަފާރި ކުރުމަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް އެމީހުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބޯފެނުގެ ނިޒާމް ތަޣައްޔަރުވެފައިވުމުން، ސާފުބޯފެން ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒެކެވެ. އެރަށުގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމުގެ އަމަލީމަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ. އަދި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އަޅާ މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ނިމިފައިވާއިރު، އެރަށު ކައުންސިލާ ހަވާލުކުރުމުގައި ލަސްތަކެއް ކުރިމަތިވަނީ އެކަމަށް ހާއްސަމުވައްޒަފުން ތަމްރީން ނުކުރާތީކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ނަރުދަމާ މަސައްކަތުގެ ދަށުން އެމަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ވަނީ ގެންގޮސްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށާ، އެގޮތުން ނުނިމިހުރި ބައެއް ސާވޭތަކުގެ މަސައްކަތް ނިމި އޭގެ ނަތީޖާ ލިބުނުހާއަވަހަށް މަސައްކަތް ފެށޭނެކަމަށެވެ.

ދަރަވަންދޫ ކައުންސލްގެ ރައީސް އަލީ ޝަމީޙް ވިދާޅުވީ ފެނާއި ނަރުދަމާ ނެތުމަކީ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އަދި އެންމެ މުހިންމު އެއް އަސަސީ ހިދުމަތްކަށެވެ. ފެން ބޭނުން އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެން ފެނުން ނުބައިވަސްދުވުމާ، ވާރޭވެހި ފެން ބޮޑުވާ ދުވަސްތަކުގައި ފާޚާނާއިން ބޭރުކުރާ ނަޖިސް ހިންދުމަށް ގެތަކުގައި ހަދާފައިވާ ޖަންގްޝަން ވަޅުގަނޑުތައް ފަޅައިގެން ދާކަމަށެވެ. އަދި ރަށުތެރެއަށް ނަޖިސްބޭރުވާފަހަރުވެސް އަންނަކަމަށް އަލީ ސަމީޙް ވިދާޅުވިއެވެ.

އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ދަރަވަންދޫގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ރައްޔިތުންނަށް ބޭނުން ކުރެވޭވަރު ނުވީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅިރާއްޖެ ލޮކްޑައުން ކުރި ހިސާބުން މަސައްކަތް ނުކުރެވުމުންނެވެ. ދަރަވަންދޫ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫޢަށް 29,170,066.22ރ. ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާއެވެ.

ނަރުދަމާ މި މަސައްކަތް މި އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.