ޚަބަރު

ވައްކަރަށްދިޔަ ބޯޓުން 2 ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި


ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރައްވާފައިވާ ބ.ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެން ދިޔަ ބޯޓް ބަލާ ފާސްކުރުމަށްފަހު 2 ކިލޯއެއްހާ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބ.ވައްކަރަށް ހިލައާއި ހިލަވެލި ހިފައިގެންދިޔަ، އެމްވީ ބޮންތި ނަމަކަށްކިޔާ މި ބޯޓު ބަލާ ފާސްކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންކަމަށެވެ.އަދި މި ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާއިއެކު ތުހުމަތުކުރޭ 47 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. މި ދެމީހުންނަކީވެސް ދެ ދިވެހިންނެވެ.ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް ޑިޕާޓްމަންޓު އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން މި އޮޕަރޭޝަން އިތުރަށް ތަޙްޤީގް ކުރައްވަމުން ގެންދަވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.