ތިމާވެށި

ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6 އިން 7 އަށް ބަދަލުކުރަނީ


ގްރޭޓަރ މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6 އިން 7 އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މިފެށޭ ސެޕްޓެމްބަރުމަހުގެ 15 އިން ފެށިގެންނެވެ.

ވެމްކޯއިން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލުގެންނަން ނިންމާފައިވަނީ މި ސަރަހައްދުގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުންދާތީ، އެކަމަށް ރިޢާޔަތްކުރުމަށްފަހުކަމަށެވެ. ސެޕްޓެމްބަރު 15 އިން ފެށިގެން ގެނެވޭ ބަދަލާއެކުވެސް ވެމްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި މިގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތް ތެރިވަމުންދާނީ ރޭގަނޑު 8 އާއި 11 އާ ދެމެދުއެވެ. އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކުންފުނީގައި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް އެކަނިކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާލަތުގައިވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި، އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ. ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓަރ ނުކުރާ ގޭބިސީތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސްކުރައްވާފައިވެއެވެ.