ޚަބަރު

ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީ ބަންދުކޮށްފި


20 އަހަރުފަހުން އެމެރިކާގެ ހުރިހާ ފައުޖުތަކެއް އަފްޣާނިސްތާނުން ފޭބުމުން ވެރިރަށް ކާބުލްގައި ހުންނަ އެންބަސީ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބަންދުކޮށްފިއެވެ.

ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ގޮސްފައިވަނީ ޤައުމު ދޫކޮށް ދާންބޭނުންވެފައިވާ 10،000އަށްވުރެ ގިނަ މީހުން ބޭތިއްބުމަށްފަހުއެވެ. އޭގެ ތެރޭގައި އެމެރިކާއާއި ވިލާތުގެ ރައްޔިތުންނާއި އެ ޤައުމުތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވާ އެތައް ހާސް އަފްޣާނިސްތާނުގެ ރައްޔިތުން ހިމެނެއެވެ. އެ މީހުންނަށްވަނީ އެހެން ޤައުމުތަކަށް ދަތުރުކުރެވޭނެކަމުގެ ލިޔުންތައްވެސް އެމެރިކާއިން ދީފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ ކާބުލްގައި ހުންނަ އެންބަސީ ބަންދުކޮށްފައިވާކަމަށާއި އެމެރިކާގެ ޚާރިޖީ މަސައްކަތްތައް ދެންކުރާނީ ޤަޠަރުންކަމަށެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި ބުލިންކެންވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ނިންމެވުން ދިފާޢުކުރައްވައި ވާހަކަދައްކަވައިފައެވެ. އެ ގޮތުން އޭނާ ވިދާޅުވީ އަފްޣާނިސްތާނާ ޚާރިޖީ ގުޅުންތައް ކަނޑާނުލައިކަމަށާއި ގެނެސްފައިވާ ހަމައެކަނި ބަދަލަކީ އެންބަސީ ޤައުމުން ބޭރަށް ބަދަލުކުރުންކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ޚާރިޖީ ގުޅުންތައް ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ޤާއިމުކުރާ ޠާލިބާން ޖަމާޢަތުގެ ސަރުކާރާއެކު އެމެރިކާއިން މަސައްކަތްކުރާނެކަމުގެ އިޝާރާތެއްވެސް ބުލިންކެންވަނީ ދެއްވައިފައެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކާބުލްގެ ވައިގެ ބަނދަރު ބޭނުންކޮށްގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތަކުންވަނީ 123,000 މީހުން ސަލާމަތްތެރިކަމާއެކު ޤައުމުން ބޭރަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ނޭޓޯގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތަކާއި ބޭރު ޤައުމުތަކުގެ ޚާރިޖީ މުވައްޒަފުންނާއި ވިޔަފާރިވެރިން ހިމެނެއެވެ. ނަމަވެސް ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ގޮސްފައިވަނީ ޤައުމު ދޫކޮށް ދާންބޭނުންވެފައިވާ 10،000އަށްވުރެ ގިނަ މީހުން ބޭތިއްބުމަށްފަހުއެވެ. އޭގެ ތެރޭގައި އެމެރިކާއާއި ވިލާތުގެ ރައްޔިތުންނާއި އެ ޤައުމުތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވާ އެތައް ހާސް އަފްޣާނިސްތާނުގެ ރައްޔިތުން ހިމެނެއެވެ.