8 ވަނަ ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސް، 300 ބައިވެރިންނާއެކު ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކޮންފަރެންސްއަކީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.
ހޮނިހިރު ދުވަހު ކޮންފަރެންސް ފަށާއިރު، މި ކޮންފަރެންސް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ، ހޮނިހިރު ދުވަހުގެ ހެނދުނެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމެވެ.
300 ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާއިރު، 106 ފަރާތަކުން މި ކޮންފަރެންސްގައި ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެމްބްރިޖު ޔުނިވަރސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓް ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަހު "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން"ގެ މަޢުޟޫއަށް އަދި ދެވަނަ ދުވަހު "ބިޔޯންޑް އެކަޑެމިކްސް: ރީ އިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރިލެވެންސް އެންޑް ޑައިވަރސް ޕެތްވޭސް"ގެ މަޢުޟޫއަށް ބިނާކޮށް، ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކޮންފަރެންސްގެ ބައިވެރިންނަށް ޚާއްސަކޮށް ޖުމްލަ 4 ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަންއާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
2026 ވަނަ އަހަރުގެ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ޚާއްސަކޮށްފައިވާ ޝިޔާރަކީ" ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ"އެވެ.
މި ކޮންފަރެންސްގައި ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.