ޚަބަރު

އެމްޑީޕީ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި


  • ކޮންގްރެސް އޮންނާނީ އަންނަ އޮކްޓޫބަރު 01 އިން 03އަށް

  • ކޮންގްރެސްގައި ރަޖިސްޓަރވާން މި މަހު ފަހުކޮޅު ހުޅުވާލާނެ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް ބާއްވަން ކުރިން ނިންމާފައި އޮތީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮންގްރެސް ބާއްވާނީ މިފެށޭ އޮކްޓޫބަރު މަހުގެ 1 އިން 3އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީހޯލުގައިކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިދާރީ، އިބްރާޙިމް ވަހީދު ވިދާޅުވީ ކޮންގްރެސް ލަސްކުރީ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަނުޖެހުމުގެ ސަބަބުންކަމަށެވެ. ކޮންގްރެސްއަކީ ޤާނޫނީގޮތުން ޕާޓީތަކުން ފުރިހަމަކުރަންޖެހޭ މުހިންމުކަމެއްކަމަށާއި ކޮންގްރެސްއަށް އެމްޑީޕީން އަބަދުވެސް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. ކޮންގްރެސް ލަސްވުމާއި ގުޅިގެން، ކޮންގްރެސްގައި ބައިވެރިވުމަށް މި މަހުގެ 20ން ފެށިގެން، އޮންލައިންކޮށް ރަޖިސްޓަރވުމަށް ފުރުޞަތު ހުޅުވާލާނެކަމަށާއި، ސެޕްޓެމްބަރ 30އިން ފެށިގެން ކޮންގްރެސްގެ ބައިވެރިންނަށް ފާސް ދޫކުރުން ކުރިއަށްގެންދާނެކަމަށް އެޕާޓީން ވިދާޅުވިއެވެ.

"ކޮންގްރެސްގައި އަބަދުވެސް ހާހަކަށްވުރެ ގިނަ މެމްބަރުން ބައިވެރިވޭ. ކޮންގްރެސްއަށް އަންނާނީ މުޅިންވެސް އިންތިޚާބުވެފައި ތިިބި މެމްބަރުން." އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިދާރީ، އިބްރާޙިމް ވަހީދު ވިދަޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު މާލީ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު ނިންމުންތައް ނިންމުމަށް މަގުފަހިވަނީ 5 އަހަރުން އެއްފަހަރު ބާއްވާ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށްކަމަށެވެ. އެގޮތުން އަސާސީ ޤަވާއިދަށް ބަދަލުގެނައުމާއި، ޕާޓީގެ ކުރިމަގާމެދު ކޮންގްރެސް މެދުވެރިކޮށް މުހިންމު ނިންމުންތަކެއް ނިންމޭކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. ކޮންގްރެސްގެ މަންދޫބުންނާއި، ކޮންގްރެސްގެ ފުރިހަމަ ޑެލިގޭޝަނާއި ގުޅޭ މަޢުލޫމާތު ދެތިން ދުވަސްތެރޭގައި ހާމަކުރައްވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

ކޮންގްރެސްގައި ކުރިއަށްގެންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކޮންފަރެސްންގެ ތެރެއިން އިންވެސްޓްމެންޓް ފޯރަމް އެއް ބޭއްވުން ހިމެނެއެވެ. އެ ފޯރަމްގައި ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން އެމްޑީޕީ ތަމްސީލްކުރާ ކައުންސިލްތަކުގެ ބައިވެރިވުން ހިމެނޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

" ކައުންސިލްތަކުން ރަށުގައި ކުރިއަށްގެންދާނެ މަޝްރޫޢުތައް ނިންމާފަ އެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތެއް މި ޕާޓީން ހޯދާދިނުން މަޤްސަދަކީ. 74 ޕްރޮޖެކްޓް މިވަގުތުވެސް އެމްޑީޕީގެ ސެކެޓްރިއެޓާ ޙިއްސާކޮށްފަވޭ. މި ބަލަނީ 100އަށް ވުރެ ގިނަ ޕްރޮޖެކްޓް ކޮންގްރެސްގައި ޙިއްސާކުރެވޭނެކަމަށް." އެމްޑީޕީގެ ކުރީގެ ނައިބުރައީސް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުންވެސް އޮންނާނެއެވެ. އެމަނިކުފާނު އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 12ވަނަ ދުވަހުގައެވެ. މިއާއެކު ޕާޓީގެ ކުރިއަށްއޮތް ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ކަންކަން ނިންމާނެކަމަށް ބެލެވެއެވެ.

މިފަހަރުގެ ކޮންގްރެސްގެ ޝިއާރަކީ "ރަށްވެހި އުފެއްދުން"މިއެވެ. އެމްޑީޕީގެ ކޮންގްރެސްގައި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ބައިވެރިވާން ހަމަޖެހިފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބައެއް ސިޔާސީ ޕާޓީތަކުގެ ޑެލިގޭޓުން ހިމެނޭނެކަމަށް ބެލެވެއެވެ.