ޚަބަރު

ގިނަ އަދަދަކަށް ވިއްސާރަވިލާ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް


  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

  • އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އެގޮތުން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، އާންމު ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށާއި، މޫސުމަށް ސަމާލުވެލެއްވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.