ވިޔަފާރި

އަލަށް ތަރައްޤީކުރި ސީޕްލޭން ޓާމިނަލްގައި ލައުންޖު ހިންގަން ހުޅުވާލައިފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކޮފައިވާ އައު ސީޕްލޭން ޓާމިނަލްގައި ލައުންޖު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއޭސީއެލްއިން ބުނީ އައު ސީޕްލޭން ޓަރމިނަލްގައި އެގްޒެކެޓިވް ލައުންޖުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެތަންތައް ސެޓްއަޕްކޮށް، އޮޕަރޭޓު ކުރަން ޖެހޭނީ އެމްއޭސީއެލްއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އަދި ސީޕްލޭން ޓާމިނަލްގެ ލައުންޖްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1400 ގެ ކުރިން ބިޑްކުރުމުގައި ރަޖިސްޓަރ ކުރަންޖެހޭނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ވީއައިއޭގެ ސީޕްލޭން ޓަރމިނަލްގެ ލައުންޖް އޭރިއާއަށް ކުރިމަތިލެވޭނީ ރަޖިސްޓަރ ކޮށްފައިވާ ސީޕްލޭން އޮޕަރޭޓަރުން، ޓުއަރ އޮޕަރޭޓަރުން، އަދި ރިސޯޓްތަކަށެވެ. ބިޑް ހުށައަޅާއިރު 10000 ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދޭންޖެހޭނެއެވެ. ބިޑް ކުރުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އެމްއޭސީއެލްއިން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހެވެ. ކަނޑައަޅާފައިވާ ތާރީހަށްވުރެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކޮށްފައިވާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަރމިނަލް ތަރައްޤީކުރަނީ 28 އަކަމީޓަރުގެ ސަރަޙައްދެއްގައި، 4 ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.

އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނުމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ %50 އަށް އިތުރުކޮށް، 80 އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.