ތިމާވެށި

ޤަވާޢިދަށް ގެނައި އިސްލާޙާއެކު ކުންޏަކީ ނަފާ ލިބޭ އެއްޗަކަށް ހެދޭނެ : ޝައުނާ


ކުނި މެނޭޖްކުރުމާބެހޭ ޤަވާޢިދަށް ގެނައި އިސްލާޙާއެކު ކުންޏަކީވެސް ނަފާ ލިބޭނެ ވަޞީލަތަކަށް ހެދިގެންދާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ގެނެވުނު 5 ވަނަ އިޞްލާޙާއެކު ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އިޞްލާހުގެ ދަށުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައްވެސް ހިމަނާފައިވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނެވުނު 5 ވަނަ އިސްލާޙާއެކު ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ މަސައްކަތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ ކަންކަންވެސް ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅުތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ކުނި ނައްތާލުމުގައި މިހާރަށްވުރެ ރޭވުންތެރިކަމާއެކު ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރެވިގެންދާނެކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

"މި އިސްލާހާއެކީގައި އެނގިވަޑައިގަންނަވާނެ ގޭބިސީތަކުން ކުނި ނެރެންވާނީ ބައިބަޔަށް ވަކިކޮށްގެން. އެއާއެކީގައި ވެމްކޯއަށްވެސް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެން އަންނާނެ. އަދި ތިލަފުށީގައި މި ޤާއިމުކުރެވޭ ޒަމާނީ މަރުކަޒަކީ ކުނިތައް ސޯޓުކޮށްގެން ސެގްރިގޭޓްކޮށްގެން ކުނި މެނޭޖްކުރާނެ ތަނަކަށް ވެގެންދާނެ. ޕްލާސްޓިކް ކުންޏާއި، ފަނާވާ ކުންޏާއި އަދި ދަގަނޑުފަދަ އެހެން ބާވަތްތައްވެސް ވަކި ކުރެވިގެން، ކޮންސްޓްރަކްޝަން ވޭސްޓްވެސް ވަކި ކުރެވިގެން މިތަނުގައި މެނޭޖްކުރެވިގެންދާނީ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ގެނެވުނު އިސްލާހާއެކު މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ޒަމަނީ އަދި ހަމައެހެންމެ ސިސްޓަމެޓިކް ނިޒާމެއްގެ ތެރެއަށް ފެއްތުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށްވެސް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

"ސަރުކާރުގެ ވިސްނުންފުޅާއެއްގޮތަށް ކުންޏަކީ ނަފާއެއް ލިބިގަނެވޭނެ އެއްޗެއްގޮތަށް 5 ވަނަ އިސްލާހާއެކީ ސޯސް ސެގްރިގޭޝަނާއެކުގައި ގޭބިސީތަކުން ގެންނަ އެއްޗެއް ވަކިވެފައި ހުރީމަ، އޭގެތެރެއިން އަޅުގަނޑުމެންނަށް ނަފާ ލިބިގަނެވޭނެ ބާވަތްތައް ކުރިން ވަކި ކުރެވި، އެއަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ" ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހުއްދަ ދީފައިވާ އެއްގަމު އަދި ކަނޑުގެ އުޅަދުތަކުގައިވެސް ކުނި އުފުލަން ޖެހޭނީ ބައިބަޔަށް ވަކިކޮށްގެން އެއްބައި އަނެއްބަޔާ އެއްނުވާނެހެން ވަކިންނެވެ. އަދި މިގޮތަށް ޢަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށް މިގަވާއިދުގައި ވާނީ ހިމަނާފައެވެ.

އެގޮތުން ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ، ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކުވެސް 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 700 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރުންވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ސިނާޢީ ރަށެއް ނުވަތަ ރިސޯޓަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 1500 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުނި ވަކިކޮށްފައިނުވާނަމަ ކުނި ބަލައިނުގަތުމުގެ އިހްތިޔާރުވެސް ކުނި މެނޭޖް ކުރުމުގެ ޒިންމާއާއި ހަވާލުވެފައިވާ ފަރާތަށް ލިބިގެންވާ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.

މި އިސްލާހުގައިވާގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ވަކި ކުރުމުގެ މާއްދާއަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2022އިން ފެށިގެންނެވެ.